ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް ވިއްކަން ކަނޑައެޅި 5000 ޓިކެޓު ވިކި ހުސްވެފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މިކަން އެފްއޭއެމުން ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ. އެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކުރި 350 ޓިކެޓު ވަނީ މިއަދު މެންދުރުވުމުގެ ކުރިން ވިކި ހުސްވެފައެވެ.

ބާކީ ޓިކެޓުތަކަކީ ދިވެހިންނަށް ހާއްސަކޮށްފައިވާ ޓިކެޓުތަކެކެވެ. މީގެތެރެއިން ބައެއް ޓިކެޓުތައް ދިވެހިން ވަނީ ކަޅުބާޒާރުގައި ބިދޭސީންނަށް ބޮޑު އަގުގައި ވިއްކާފައެވެ. އެފްއޭއެމުން ވަނީ ދިވެހިންނަށް ހާއްސަކޮށްފައިވާ ޓިކެޓުތަކުން ބިދޭސީންނަށް މެޗުބަލަން ނުވަދެވޭނެ ކަމަށް ބުނެފައެވެ. އަދި ބިދޭސީންނަށް ދަނޑަށް ވަދެވޭނީ ވޯކް ވިސާ ނުވަތަ ވޯކް ޕާމިޓު ދައްކައިގެން ކަމަށް ވަނީ ބުނެފައެވެ.

އެފްއޭއެމުން ބުނީ ދަނޑަށް ވަންނައިރު ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ ގައުމުގެ ސަޕޯޓަރުންނަށް ދޫކުރީ އެ ސަރަހައްދުގައި ތިބެންޖެހޭނެ ކަން ލިޔެފައިވާ ޓިކެޓުތައް ކަމަށެވެ. އަދި އެހެން ޒޯނުތަކުގައި ތިބޭނީ ދިވެހިން ކަމަށާއި އެ ޒޯންތަކަށް އެއްވެސް ބިދޭސީއަަކަށް ނުވަދެވޭނެ ކަމަށެވެ.

ބިދޭސީއަކު ދިވެހިންނަށް ހާއްސަކުރާ ސަރަހައްދުގެ ޓިކެޓާއެކު ނުވަދެވޭނެ ކަމަށާއި އެމީހެއްގެ އައިޑީ ކާޑާއި އެހެނިހެން ކަންކަމަށް ބަލާނެކަމަށް އެފްއޭއެމުން ބުނެއެވެ. އަދި ކުރިޔަށްވުރެ ހަރުކަށިކޮށް މިފަހަރު ކަންކަން ބަލަމުންދާނެ ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ.