ސުނިލް ޗެތުރީއަކީ އުމުރުން 37 އަހަރުގައި ވެސް ތަފާތު ދައްކަމުން އަންނަ އާދަޔާހިލާފު ކުޅުންތެރިއެއް ކަމަށާއި އިންޑިއާ ގައުމީ ޓީމަށް އޭނާ އަދިވެސް ގިނަ އަހަރުތަކަކަށް ކުޅުމުގެ ފެންވަރު އެބަހުރި ކަމަށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބުނެފިއެވެ.

ރާއްޖޭގައި ނިމިދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ތަށި އިންޑިއާއިން އަށްވަނަ ފަހަރަށް އުފުލާލިއިރު މި މުބާާރާތުގައި ޗެތުރީ ވަނީ ޖުމްލަ ފަސް ލަނޑުޖަހާ މުބާރާތުގެ ރަންބޫޓު ހާސިލުކޮށްފައެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ޗެތުރީ އެވެ.

މި މުބާރާތުގައި ކާމިޔާބުކުރި ފަސް ލަނޑާއެކު ޗެތުރީ ވަނީ އޭނާ ގައުމީ ޓީމަށް ކުޅެދިން 125 މެޗުގައި 80 ލަނޑު ޖަހާފައެވެ. އެއާއެކު އޭނާ ވަނީ ލިއޮނަލް މެސީ ގައުމީ ޓީމަށް ޖަހާދީފައިވާ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މި މުބާރާތުގެ ތެރޭގައި އޭނާ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ގޯލް ރެކޯޑުވެސް މުގުރާލާފައެވެ.

ފައިނަލް މެޗަށްފަހު އިންޑިއާގެ މީޑިއާތަކުގައި ވާހަކަދައްކަމުން ކޯޗު އިގޯ ސްޓިމަކް ބުނީ އިންޑިއާ ގައުމީ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންވެސް ނަމޫނާއަކަށް ނަގަނީ ސުނިލް ޗެތުރީ ކަމަށާއި އޭގެ ސަބަބުން މުޅި ޓީމަށްވެސް ގިނަ ފައިދާތަކެއް ކުރާކަމަށެވެ. އަދި އިންޑިއާ ފުޓުބޯޅައިގެ އަންނަން އޮތް ޖީލަށް މިއީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭކަމަށްވެސް އޭނާ ބުންޏެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް މޮޅު ކުޅުންތެރިޔާގެ އެވޯޑު ޗެތުރީއަށް ހަވާލުކޮށްދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޯޗު ބުނީ ޗެތުރީގެ ކިބައިން ފެންނަ އެންމެ ބޮޑު ތަފާތަކީ ލީޑަޝިޕް ކަމަށާއި އޭގެ އިތުރުން އަބަދުވެސް އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓަން ކުރާ މަސައްކަތަކީ ވެސް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.

"ޝައްކެއްވެސް ނެތް އެއީ މި ޓީމަށް (އިންޑިއާ) މުހިއްމު ކުޅުންތެރިއެއް، އެ ފެންވަރުގެ ކުޅުންތެރިން ދުނިޔެއިންވެސް މަދުވާނެ، އެ އުމުރުގައި މި ފެންވަރުގައި ކުޅޭތަން ފެނުމަކީ އަހަރެންގެ ކެރިއަރުގަ ފެނުނު އެންމެ ތަފާތު އެއް ކަންތައް" ކޯޗު ބުންޏެވެ.

އިންޑިއާގެ ސީނިއާ ޓީމު މި މުބާރާތުގައި ވާދަކުރަން ނިންމީ ބައިނަލްއަޤްވާމީ މެޗު ތަޖުރިބާ އެ ޓީމަށް ހޯދައިދިނުމުގެ ބޭނުމުގައެވެ. އެއީ ކޮވިޑާއި ގުޅިގެން އެ ޓީމަށް ލިބުނު މެޗުތައް މަދުވުމުގެ ސަބަބުންނެވެ. މި މުބާރާތުގެ ކާމިޔާބީއާއެކު އިންޑިއާއިން ދެން އަމާޒުހިފާފައި ވަނީ ކުރިޔަށްއޮތް އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭޗާރާ

    މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމާ. ރާއްޖޭގައި ނަން ނަން ކިޔާފައި ބޮޑެތި މުސާރަ ދީފައި މީހުން ތިބޭނެ. ސްޕޯޓްސް ކޮމިޝަރެކޭ ކިޔާ މީހަކު ހުންނާނެ. ސްޕޯޓްސް ކޯޕަރޭޝަނުގައި ބޮޑު މުސާރައެއް ދީފައި މީހަކު ހުންނާނެ. މި ދެމީހުން ކުރެ މީހަކު ކުރާ ކަމެއް ދަންނާނެ އިންސާނަކު ނުހުންނާނެ. މިކަހަލަ ގައުމެއްގައި ހުނަރުވެރިން އުފެދޭނެ ގޮތެއް ނޯންނާނެ.