ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ އާއި ސީޝެލްސްގެ އަންހެން ޓީމު ބައްދަލުކުރި ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ނިސްބަތުން ގައުމީ ސްކޮޑުގައި ތިބީ އާ ކުޅުންތެރިންތަކެކެވެ.

މިއީ ރާއްޖޭގެ އަންހެން ފުޓުބޯޅައަށް ބޮޑު ކާމިޔާބީއެކެވެ. އަދި އަންހެން ފުޓުބޯޅަ ކުރިއަރުވަން ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަޓީމާއި ސީޝެލްސްގެ ގައުމީ އަންހެން ފުޓުބޯޅަޓީމާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ މެޗު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެއިތުރުން މިއީ ރާއްޖޭގެ އަންހެން ފުޓުބޯޅައިގައި މި ވޭތުވެދިޔަ ނުވަ އަހަރުގެތެރޭގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން އަމިއްލަ ދަނޑުގައި އެކުވެރިކަމުގެ މެޗެއް ކުޅުނީ 2013 ގައި ގަތަރާއި ދެކޮޅަށެވެ.

މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ މަރިޔަމް ނޫރާ އެވެ. މެޗު ފަށައިގެން ދިހަވަނަ މިނެޓުގައި ނޫރާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފަހަތުން ވަރަށް ރީތިކޮށް އެ ބޯޅަ ހޯދާ ސީޝެލްސްގެ ކީޕަރު ގެބްރިއެލް އަށް ފުރުސަތެއް ނުދީ އެވެ.

ނޫރާ ލަނޑު ޖެހުމާއެކު ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އޭގެފަހުން ވެސް ދިވެހި ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަދި ހުނަރުގެ ގޮތުން ބަލާނަމަވެސް ދިވެހި ޓީމުން ސީޝެލްސްއަށް ވުރެ ބޮޑުތަން ރަނގަޅެވެ. ސީޝެލްސް ޓީމުން އެޓޭކަށް އަރާ ކޮންމެ ދަނޑިވަޅަކު މުޅި ޓީމު ފަހަތަށް ފައިބައިގެން އެ ބޯޅަ ހޯދައެވެ.

މިއީ ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އާ ކޯޗުގެ މަގާމަށް ސާބިއާގެ ޑޭވޯ ބަބާ ހަވާލުވިފަހުން ޓީމު ހޯދި ފުރަތަމަ މޮޅެވެ. އެހެންކަމުން މިއީ އޭނާއަށް ހާއްސަ މޮޅެކެވެ.

އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ރާއްޖެ އަންނަ ބުރާސްފަތި ދުވަހު ސީޝެލްސްއާއި ބައްދަލުކުރާއިރު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަވިޔަނި

    7 ނަމްބަރ ޖޯރޖީ ދޭން އެނޫން މީހަކު ނެތީ

    5
    3
  2. އަބްދުލް

    ރާއްޖެ ކީޕަރު ވަރަށް މޮޅު

    5
    1
  3. އަޙްމަދު

    ތިއޮތީވޯލްޑްކަޕް ކާމިޔާބު ކުރެވިފައި!!!!

    1
    4