ޔޫކްރެއިން ރަޝިޔާގެ މަޝްވަރާތަކަށް ޗެލްސީގެ ވެެރިޔާ ރޯމަން އަބްރޮމޮވިޗް ބެލަރޫސް އަށް ހިނގައްޖެއެވެ.

މަޝްހޫރު ސްކައި ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ގައުމުގެ މަތީ ފެންވަރުގެ ވަފުދެއް މި މަޝްވަރާތަކުގައި ބައިވެރިވާއިރު ޗެލްސީގެ ވެރިޔާވެސް މި ބައްދަލުވުންތަކުގައި ރަޝިޔާގެ ފަރާތުން ބައިވެރިވާ ކަމަށެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ ވަފުދުތައް އާދީއްތަ ދުވަހު ބެލަރޫސްގެ ބޯޑަރު ޓައުނެއް ކަމަށްވާ ގޯމެލް އަށް ގޮސް ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތެއް ހޯދުމުގެ މަޝްވަރާތައް ވަނީ ފަށާފައެވެ. އަބްރަމޮވިޗްއަކީ ޔޫކްރެއިން އާއި ރަޝިއާގައި ޔަހޫދީ މުޖުތަމައުތަކާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޔޫކްރެއިންއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔެވްގަން ކޮރްނިޗުކް މަޝްވަރާތަކުގައި އަބްރަމޮވިޗްގެ ބައިވެރިވުމާ ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ސީދާ އެކަމަށް އެއްބަސްނުވެ ވަނީ ނުސީދާކޮށް އެކަމަށް އެއްބަސްވެފައެވެ.

"އޭނާގެ ނުފޫޒު އެކަށީގެންވާ މިންވަރަށް އޮތްނަމަ، އެހީތެރިވެދެވޭނެ ކޮންމެ މީހެއްގެ އަގު ވަޒަންކުރާނަން" ޔޫކްރެއިންއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވިއެވެ.

ޔޫކޭ އިން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދިޔަ ދަނޑިވަޅު ޗެލްސީ ފުޓްބޯލް ކްލަބުގެ ވެރިޔާ އަބްރަމޮވިޗް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ކުރިން އޮތް ގުޅުމުގެ ވާހަކަ ތަކެއް ފެންމަތިވެ، އޭނާއަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މިދިޔަ އާދީއްތަ ދުވަހު އަބްރަމޮވިޗް ވަނީ ޗެލްސީގެ "ސްޓެވާޑްޝިޕް" އެ ކްލަބުގެ ބެލެނިވެރިކަން ޗެރިޓަބަލް ފައުންޑޭޝަންގެ ޓްރަސްޓީސް ގެ ދަށަށް ބަދަލުކޮށްފައެވެ. އެއީ އަބްރަމޮވިޗް އަށް އެ ގައުމުގައި ނުހުރެވޭތީއެވެ.