ރާއްޖޭގައި އަރަމުން އަންނަ ވޮލީބޯޅައިގެ އުއްމީދީ ތަރި ޝަމާއިލް ހުސެއިން ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ޝަމާއިލް މިވަގުތު އޮތީ އޮޕަރޭޝަނަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައެވެ. ވޮލީ އާއިލާގެ ގިނަ ބަޔަކު ދަނީ ޝަމާއިލް ހާލު ގާތުން ބަލަމުންނެވެ.

އޮޕަރޭޝަނަށްފަހު ޝަމާއިލް-- ވަގުތު އިމޭޖަސް: އިސްމާއީލް ޝާހު

އޭނާއަށް އަނިިޔާވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހދ.ވައިކަރަދޫ ޓީމަށް ކުޅެނިކޮށެވެ. އެ މުބާރާތުން ލިބުނު އަނިޔާއާއެކު ޝަމާއިލްގެ ވާތު ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. ބެލެވޭގޮތުގައި ޝަމާއިލް އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ މިއަހަރުގެ ފަހުކޮޅުގައެވެ.

ލ.މާވަށަށް އުފަން ޝަމާއިލް އަކީ ރާއްޖޭގައި އަރަމުން އަންނަ ވޮލީބޯޅަ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާގެ އިސްކޮޅާއި ހުނަރާއި މެދު ދިވެހި ކޯޗުން ދެބަހެއް ނުވެއެވެ. އޭނާ ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ މަތީ ހަރުފަތުގައި މިހާތަނަށް ހޭދަކުރި ކުރު މުއްދަތުގެ ތެރޭގައި ގިނަ ކޯޗުންގެ އިތުބާރު ހޯދާފައެވެ.

ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގައިވެސް ޝަމާއިލް ހިމެނި ވަނީ ޓީމާއެކު ފަރިތަކުރުންތައް ކުރިޔަށްގެންގޮސްފައެވެ. އޭނާ ސްކޮޑުގައި ހިމެނި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭވީސީ ސެންޓްރަލް ޒޯން އަދި ސައުތު އޭޝިއަން ގޭމްސްގެ ސްކޮޑުން އޭނާއަށް ފުރުސަތު ލިބުނެވެ.