މިމަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ބައިވެރިވުމުގެ ދައުވަތު ކުޅިވަރުގެ ވަރުގަދަ ހަތަރު ޝަހުސިއްޔަތުން ގަބޫލުކޮށްފިއެވެ.

މިހާތަނަށް އެވޯޑު ހަފްލާގައި ބައިވެރިވުމުގެ ދައުވަތު ގަބޫލުކުރިކަން ހާމަކޮށްފައިވާ ހަތަރު ޝަހުސިއްޔަތުންނަނީ އޮލިމްޕިކް ގޮލްޑް މެޑަލިސްޓް ސްވިޑަންގެ ސާރާ ޝިޔޯސްޓްރޯމް އާއި ރެއާލް މެޑްރިޑުގެ ލެޖެންޑު ސްޕެއިންގެ މިޝެލް ސަލްގާޑޯގެ އިތުރުން ބްރެޒިލްގެ ކުރީގެ ވޮލީ ކެޕްޓަން ޖިލްބާޓޯ ގޮޑޯއީ (ޖީބާ) އަދި ޔޫކޭގެ ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް ކުޅުންތެރިޔާ ގޯޑޮން ރެއިޑް އެވެ.

ސާރާ ޝިޔޯސްޓްރޯމް

ސްވިޑަން އަދި ދުނިޔޭގެ ފެތުމުގައިވެސް މަޝްހޫރު ސާރާ ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. އޭނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕުގައި މިހާތަނަށް 14 މެޑަލް ހޯދާފައެވެ. މީގެއިތުރުން ޔޫރަޕިއަން ޗެމްޕިއަންޝިޕުގައި ވާދަކޮށް އޭނާ ވަނީ 26 ރަން މެޑަލް ހާސިލުކޮށްފައެވެ.

މީގެއިތުރުން އޭނާއަކީ ދުނިޔޭގެ ރެކޯޑު ފޮތުގައި 50 މީޓަރު އަދި 100 މީޓަރު ފްރީސްޓައިލް އަދި ބަޓަފްލައި ކެޓަގަރީން ދުނިޔޭފެ ރެކޯޑު އޮތް އެތްލީޓެކެވެ. މީގެއިތުރުން އޭނާ ވަނީ ސްވިޑަންގެ އިންޑިވިޖުއަލް ގިނަ މުބާރާތްތަކެއް ކާމިިޔާބުކޮށްފައެވެ.

މިޝެލް ސަލްގާޑޯ

ފުޓުބޯޅަ ދުނިޔޭގައި މިޝެލް ސަލްގާޑޯ އަކީ ވަރުގަދަ ނަމެކެވެ. ސްޕެއިން ގައުމީ ޓީމުގެ އިތުރުން މަޝްހޫރު ރެއާލް މެޑްރިޑުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި ކުޅުންތެރިޔާ ވަނީ ސްޕެއިން ގައުމީ ޓީމަށް 53 މެޗު ކުޅެފައެވެ.

ފަހަތް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރި ސަލްގާޑޯ ވަނީ ސްޕެއިން ގައުމީ ޓީމަށް 53 މެޗު ކުޅެފައެވެ. މީގެއިތުރުން ސްޕެއިންގެ ޖޫނިއާ ޓީމަށް އޭނާ ވަނީ 24 މެޗު ކުޅެފައެވެ. މި މެޗުތަކުން އޭނާ ލަނޑެއްވެސް ކާމިޔާބުކުރި އެވެ.

ފީފާ ލެޖެންޑުންގެ ތެރޭގައި ހިމެނޭ ސަލްގާޑޯ ކުލަބު ލެވެލްގައި ވިދާލީ ރެއާލް މެޑްރިޑުގައެވެ. އެގޮތުން ރެއާލް މެޑްރިޑަށް އޭނާ ވަނީ ޖުމްލަ 251 މެޗު ކުޅެދީފައެވެ. އަދި މި މުއްދަތުގައި ހަތަރު ލަނޑުވެސް އޭނާ ކާމިޔާބުކޮށްދިނެވެ. މީގެއިތުރުން އޭނާ ވަނީ ރެއާލްއަށް ޔުއެފާ ޗެމްޕިއަންސްް ލީގާއި ޔުއެފާ ސުޕަ ކަޕުވެސް ކާމިިޔާބުކޮށްދީފައެވެ.

ޖިލްބާޓޯ ގޮޑޯއީ (ޖީބާ)

ޖީބާ އަކީ ވޮލީގެ ދުނިޔޭގައި މަގްބޫލު ނަމެކެވެ. އޮލިމްޕިކް ރަން މެޑަލް ހާސިލުކޮށްފައިވާ މި އެތްލީޓު ވަނީ ތިން ވޯލްޑް ޗެމްޕިއަންޝިޕާއި ތިން ވޯލްޑް ގްރާންޑް ޗެމްޕިއަންސް ކަޕު އަދި ދެ ވޯލްޑް ކަޕް އާއި އަށް ވޯލްޑް ލީގު ހޯދާފައެވެ.

މީގެއިތުރުން ދެކުނު އެމެރިކާގެ ޗެމްޕިއަންޝިޕް އޭނާ ވަނީ ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބްރެޒިލް އާއެކު އޮލިމްޕިކްސް ރަން މެޑަލް ހޯދިއިރު ޖީބާގެ ކެޕްޓަންކަމުގެ ދަށުން އެ ގައުމުން ހޯދި ކާމިޔާބީތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

އޭނާގެ ވޮލީ ކެރިއަރުގައި ޖުމްލަ 30 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ރަން މެޑަލް ވަނީ ހޯދާފައެވެ. އޭނާއަކީ މިހާރު އެފްއައިވީބީގެ އެތްލީޓްސް ކޮމިޝަންގެ ސެކްރެޓަރީ އެވެ.

ގޯޑަން ރެއިޑް

ވީލް ޗެއާ ޓެނިހުގެ ސިންގަލްސް ކެޓަގަރީގައި ރެއިޑް އަކީ ހަތަރުވަނައިގައި ގިންތިކުރެވިފައިވާ އެތްލީޓެވެ. އުމުރުން 30 އަހަރުގެ ރެއިޑްއަކީ މިވަގުތު ދުނިޔޭގެ ޑަބަލްސް ބައިން އެއްވަނައިގައި އޮތް އެތްލީޓެވެ.

ކެރިއަރުގައި އޭނާ ވަނީ ޕެރަލިމްޕިކްސް ގައި ރަން މެޑަލް ހާސިލުކޮށްފައެވެ. އަދި ރިހި މެޑަލް އާއި ބްރޮންޒް މެޑަލްވެސް އޭނާގެ ކެރިއަރުގައި ވަނީ ހޯދާފައެވެ. އަދި ސިންގަލް ބައިން ގްރޭންޑް ސްލޭމް ދެ ފަހަރު ހޯދުމުގެ އިތުރުން ޑަބަލްސް ބައިގެ ގްރޭންޑް ސްލޭމް 18 ފަހަރު ވަނީ ހޯދާފައެވެ.

އެވޯޑު ހަފްލާ ބޭއްވުމަށް މަސައްކަތްކުރަނީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު ކުޅިވަރު އެކުވެނި ޓްރެކުގައެވެ. މި ހަފުލާގައި ބައިވެރިވުމަށް 15 ވަރަކަށް އެތްލީޓުންނަށް ދައުވަތު ފޮނުވާފައިވާ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މި ހުރިހާ އެތްލީޓުން ތިބޭނީ ކްރޮސްރޯޑްސް ގައެވެ.

މި އެވޯޑު ހަފުލާގައި އިނާމުދެވޭ ބައިތައް

  • ކޮންމެ އެސޯސިއޭޝަނަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓް
  • އަހަރުގެ އެންމެ މޮޅު ސްޕެޝަލް އެތްލީޓް
  • އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗު
  • އެންމެ މޮޅު އަންހެން އަދި ފިިރިހެން ޓެކްނިކަލް އޮފިޝަލް
  • އެންމެ ރަނގަޅު ސްޕޯޓްސް މެޑިކް
  • އަހަރުގެ އެންމެ ވަރުގަދަ ކުޅިވަރުގެ ފިރިހެން އަދި އަންހެން ޝަހުސިއްޔަތު
  • އަހަރުގެ އެންމެ އުއްމީދީ އެތްލީޓު
  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
  • އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ފޮޓޯ ނޫސްވެރިޔާ
  • އަހަރުގެ އެންމެ ރަނގަޅު ބްރޯޑްކާސްޓް މީޑިއާ
  • އަހަރުގެ އެންމެ ރަނގަޅު އޮންލައިން މީޑިއާ
  • އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަން

މި އެވޯޑު ހަފުލާގައި މިފަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑުގައި ގިނަ ބަޔަކަށް އެވޯޑު ދިނުމަށް ނިންމަވާފައިވާ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހެ

    މިދެންބޮޑުވަރު ، ކުޅިވަރުކުޅޭނެ ތަންތަން މަރާމާތުކޮށްބަލަ ތިފައިސާއިން
    މިޤައުގައި ކުޅެނީ ފުޓުބޯޅަ އެކަނިތަ ، ފުޓްސަލް ދަނޑުތައް ހާހުން އަޅާއިރު %100 ކަނޑުއޮތް މިޤައުމުގައި އޮތީ އެންމެ ޕޫލެއް ، މޫދުގައި ފަަތަން ދަސްކުރަން އޮތީ 2 ޓްރެކް ، އަޅެ މީގެ ތަންތަނެއްނޫންތަ ގިނަކުރަންވީ ، ދެން ކިޔާނެ އެންމެންވެސް މޫދަށް ފަރިތަވާށޭ