ރޭންކިންގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނިގެން ގައުމީ ޓީޓީ ޓީމު މިއަހަރުގެ ޖުލައިމަހު ބާއްވާ ކޮމަންވެލްތް ގޭމްސްއަށް ކޮލިފައިވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމް ގައި މި ގޭމްސް ކުރިޔަށްދާނީ ޖުލައި މަހުގެ 28 އިން އޯގަލްސް މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެކުރިން ކޮމަންވެލްތް ގޭމްސްއަށް ކޮލިފައިވުމަށް ކޮލިފައިން ބުރެއް ކުޅޭގޮތަށް އޮތެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި އެކު އެ މުބާރާތް ނުބާއްވަން ނިންމުމާއެކު ދެން ބެލީ ރޭންކިންގައި ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށެވެ.

ރާއްޖޭގެ އަންހެން ޓީމު ގަދަ 16 ގެ ތެރޭގައި ހިމެނެއެވެ. ޓީޓީ އަކީ ރާއްޖެއިން މިވަގުތު އެންމެ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ އެއް ކުޅިވަރެވެ. އެގޮތުން ރާއްޖޭގެ ޓީޓީ ޓީމުން ވަނީ އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓީމް އިވެންޓުން ރަން މެޑަލް ހޯދާ ސިންގަލްސް އަދި ޑަބަލްސް ބައިން ވެސް ރަން މެޑަލް ހޯދާފައެވެ.

މީގެއިތުރުން 2019 ގެ ސައުތު އޭޝިއަން ގޭމްސްގެ ޓީމް އިވެންޓުގައި ރާއްޖެ ވަނީ ލޯ މެޑަލް ހޯދާފައެވެ. މިއީ ގޭމްސްގެ ތާރީހުގައި ވެސް ރާއްޖެއިން ހޯދި ފުރަތަމަ ޓީޓީ މެޑަލް އެވެ.

ރާއްޖެއިން ކޮމަންވެލްތް ގޭމްސްއަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނައިރު، އެންމެފަހުން ރާއްޖެއިން މި ގޭމްސްގައި ވާދަކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އޭގެފަހުން ދިވެހި ސަރުކާރުން ކޮމަންވެލްތް އާއި ގުޅުން ކަނޑާލުމާއި އެކު ރާއްޖެއަށް ގޭމްސްއިން ފުރުސަތު ގެއްލުނެވެ.