އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ރަށުން ބޭރުގައި ކުޅެ ވަޓްފޯޑު އަތުން ހޯދި މޮޅާއެކު އާސެނަލް އިން ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

ވަޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ގޯލް މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އިނގިރޭސި ޒުވާން ފޯވަޑް ބުކާޔޯ ސަކާ ދިން ބޯޅައަކުން ކާމިޔާބު ކުރީ މާޓިން އޮޑެގާޑެވެ. އޭގެ އިރުކޮޅެއް ފަހުން ކޫޗޯ ހަނާންޑޭޒް ވަޓްފޯޑަށް އެއްވަރު ކޮށްދިނެވެ. އާސެނަލް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 30 ވަނަ މިނެޓުގައި އެލެކްސް ލަކަޒަޓް ތަނަވަސްކޮށްދިން ފުރުސަތަކުން ސަކާއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އަނެއްކާވެސް ލަކަޒަޓްގެ އެހީއާއެކު ބްރެޒިލްގެ ޒުވާން ވިންގާ ގެބްރިއެލް މާޓިނެލީ އާސެނަލްގެ ލީޑު ފުޅާކޮށްދިނެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވަޓްފޯޑަށް ފަރަގު ކުޑަކޮށްދިނީ މޫސާ ސިސޯކޯއެވެ.

މިއީ ލީގުގައި އާސެނަލް ޖެހިޖެހިގެން މޮޅުވި ހަތަރު ވަނަ މެޗެވެ. ޗެމްޕިއަން މެންޗެސްޓަ ސިޓީ އަތުން ޔުނައިޓެޑް ބަލިވެ އާސެނަލް ހަތަރަކަށް އެރީ 25 މެޗުން 48 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑް ފަސްވަނައިގައި އޮތީ 47 ޕޮއިންޓާއެކުއެވެ. އާސެނަލްގެ އަތުގައި ޔުނައިޓެޑަށް ވުރެ އިތުރަށް ދެ މެޗު އޮތުމުން ގަދަ ހަތަރެއްގެ ރޭހުގައި އެޑްވަންޓޭޖް އޮތީ އާސެނަލްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަނާރސް

    އިރެއްގައި މެން ޔުނައިޓެޑުން ރެފްރީންގެ އެހީގައި ފާރގަސަންގެ ނުފޫޒުން މެޗްތަކުން މޮޅުވިޔަސް މިހާރަކު ނުވާނެ. މެން ޔުނައިޓެޑަކީ މިހާރު ބައިގަޑެއް.