ރާއްޖޭގައި މިމަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ހާއްސަ މެހެމާނަކަށް ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އަންނަގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން ހާމަކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފެވެ. އެއާއި އެކު އެވޯޑު ހަފްލާއަށް އަންނަ ބޭރުގެ އަންނަ ކުޅިވަރު ޝަހުސިއްޔަތުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ.

ރޮބާޓޯ ކާލޯސްގެ އިތުރުން މިހާތަނަށް ހާމަކުރި ޝަހުސިއްޔަތުންނަކީ އޮލިމްޕިކް ގޮލްޑް މެޑަލިސްޓް ސްވިޑަންގެ ސާރާ ޝިޔޯސްޓްރޯމް އާއި ރެއާލް މެޑްރިޑުގެ ލެޖެންޑު ސްޕެއިންގެ މިޝެލް ސަލްގާޑޯގެ އިތުރުން ބްރެޒިލްގެ ކުރީގެ ވޮލީ ކެޕްޓަން ޖިލްބާޓޯ ގޮޑޯއީ (ޖީބާ) އަދި ޔޫކޭގެ ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް ކުޅުންތެރިޔާ ގޯޑޮން ރެއިޑް އެވެ.

ރޮބާޓޯ ކާލޯސް އަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ކުޅިވަރު ޝަހުސިއްޔަތެކެވެ. ހާއްސަކޮށް 90 ގެ އަހަރުތަކުގެ ފުޓުބޯޅައިގައި އޭނާއަކީ ދިވެހިންގެ އިތުރުން ދުނިޔޭގެ ފުޓުބޯޅަައިގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.

އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ފްރީކިކް ސްޕެޝަލިސްޓެއްގެ ގޮތުގައެވެ. އޭނާގެ ފްރީކިކް އުކުޅުތަކުގެ ވާހަކަތައް މި ޖީލުގައިވެސް ދައްކައެވެ. މިހާރުގެ ފުޓުބޯޅަ ގިނަ ކުޅުންތެރިން އަދިވެސް ރޮބާޓޯ ކާލޯސްގެ ފްރީކިކް ކޮޕީކުރަން މަސައްކަތްކުރެ އެވެ.

1997 ވަނަ އަހަރު ފީފާ ވޯލްޑް ޕްލޭޔަރ އޮފް ދަ އިޔަރގެ ރަނަރަޕްކަން އޭނާ ހޯދިއެވެ. ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ އެއް ލެފްޓް ބެކުގެ ގޮތުގައި ގިނަބަޔަކު ދެކޭ ރޮބާޓޯ ކާލޯސް ވަނީ ފީފާ ވޯލްޑް ކަޕް ޑްރީމް ޓީމުގައި 2002 ގައި ހިމެނިފައެވެ.

ރޮބާޓޯ ކާލޯސް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 1992 ވަނަ އަހަރު އެވެ. އޭނާ ވަނީ ތިން ވޯލްޑް ކަޕް ކުޅެ، 1998 ވަނަ އަހަރު ފްރާންސްގައި އެ ޓީމު ފައިނަލަށް ދަތުރު ކުރުމުގައި އެހީތެރިވެދިނުމުގެ އިތުރުން ކޮރެއާ/ޖަޕާނުގައި 2002 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް އޯލް ސްޓާ ޓީމުގައި އޭނާ ހިމެނުނުއިރު، އޭނާ ވަނީ 1998 އަދި 2002 ވަނަ އަހަރު ވެސް ފީފާ ވޯލްޑް ކަޕް އޯލް ސްޓާ ޓީމުގައި ހިމެނިފައެވެ.

ބްރެޒިލްއާއެކު އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 1997 ވަނަ އަހަރު ޓުއާނޯއީ ޑި ފްރާންސް ކުޅުނު އިފްތިތާހީ މެޗުގައި ފްރާންސާ ދެކޮޅަށް 40 ޔާޑުގެ ފްރީ ކިކެއް ޖަހައިގެންނެވެ.

ކްލަބް ލެވެލްގައި ރޮބާޓޯ ކާލޯސް 1996 ވަނަ އަހަރު އިންޓަ މިލާނުން ރެއާލްމެޑްރިޑާ ގުޅުނީ ކާމިޔާބު 11 ސީޒަން ހޭދަކޮށް، ހުރިހާ މުބާރާތެއްގައި 584 މެޗު ކުޅެދީ 71 ގޯލު ޖަހައިގެންނެވެ. ރެއާލްގައި އޭނާ ވަނީ ލަލީގާގެ ހަތަރު ތަށްޓާއި ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކުޅިވަރު އެކުވެނީގައެވެ. މި ހަފުލާއަަށް ދުނިޔޭގެ ފަނަރަ ވަރަކަށް ދުނިޔޭގެ ޝަހްސިއްޔަތުން ބައިވެރިވާނެކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މި ހުރިހާ ޝަހުސިއްޔަތުން ތިބުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް ގައެވެ.