އިންޑިއާގައި މި މަހުގެ ފަހުކޮޅު ބާއްވާ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހަ ދުވުންތެރިން ވާދަކުރަން ނިންމައިފިއެވެ

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނާގަލޭންޑްގައި މިމަހުގެ 26 ގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުން ގިނަ އަދަދެއްގެ ދުވުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވަނީ ތިިން އަންހެން އެތްލީޓުންނާއި ތިން ފިރިހެން އެތްލީޓުންނެވެ.

އަންހެން ދުވުންތެރިންގެ ތެރެއިން ރާއްޖެއިން މި މުބާރާތުގައި ވާދަކުރަނީ މެރަތަން ރަނާސް ގެ އާއިޝަތު ރާނިޔާ އާއި އާއިޝަތު ރިޝްމީ އަދި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލް ކަރީމެވެ.

ފިރިހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ނަސީރު ސްޕޯޓްސް ކްލަބްގެ ފަރާތުން ހުސައިން ފަޒީލް ހާރޫން އާއި މެރަތަން ރަނާސްގެ އިރުފާން މުހައްމަދު އާއި ޔޫސުފް އިބްރާހިމް އެވެ. ޓީމުގެ ކޯޗަކީ ނަސްރުﷲ އަހުމަދު (ނަސްރު) އެވެ.

މި މުބާރާތަކީ އިންޑިއާގެ ނާގަލެންޑްގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެވެ. މި މުބާރާތުގައި އިންޑިއާގެ އެކި ކަންކޮޅުތަކުން ދުވުންތެރިން ވާދަކުރާނެއެވެ.