ރާއްޖޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަށް އިންޑިއާގެ ކުޅިވަރާބެހޭ ވަޒީރު އަނޫރާގް ތަކޫރް ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

މި އެވޯޑު ހަފުލާގައި މިހާތަނަށް ސްރީލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމަލް ރާޖަޕަކްސަ އަދި ބަންގްލަދޭޝްގެ ކުޅިވަރާބެހޭ ވަޒީރު ޒާހިދް އަހްސަން ރަސެލް އަދި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ސްޕޯޓް އޮފް ދަ ކިންގްޑޮމް އޮފް ސައުދީ އަރަބިއްޔާގެ ވައިސް މިނިސްޓަރ ބާދަރު އަލްކަދީ ވަނީ ދައުވަތު ގަބޫލުފުޅުކުރައްވާފައެވެ.

ދުނިިޔޭގެ މަގްބޫލު ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތުތަކެއް މި އެވޯޑު ހަފުލާގައި ބައިވެރިވެވަޑައިގަންނަވާނެ ކަން މިހާތަނަށް ވަނީ އިއުލާނުކުރައްވާފައެވެ.

އެގޮތުން ފީފާގެ މޮޅު ރެފްރީގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޖަރުމަނުގެ މާކަސް މާކް، އިޓަލީގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ އާއި ލަންކާގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖީނީ ސިވަލިންގަމް (ޖެނީ) , ޓޭބަލް ޓެނިސް ލެޖެންޑް ޒޯރަން ޕްރިމޯރަކް ގެ އިތުރުން ފުޓުބޯޅަ ތަރިން ކަމަށްވާ ރޮބާޓޯ ކާލޯސް، މިޝެލް ސަލްގާޑޯ ގެ އިތުރުން ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) ހިމެނެއެވެ.

މީގެއިތުރުން ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް ކުޅުންތެރިޔާ ރީޑް އާއި ޔޫކޭގެ ވީލްޗެއާ ޓެނިސް ކުޅުންތެރިޔާ ލޫސީ ސުކާ ފަދަ އެތްލީޓުން މި ހަފުލާގެ ދައުވަތު ވަނީ ގަބޫލުކޮށްފައެވެ.

މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ހުރިހާ ކުޅިވަރަކަށް ހާއްސަކޮށްގެން އެވޯޑު ދޭ ފުރަތަމަ ފަހަރެވެ، އެވޯޑު ހަފްލާއަށް އަންނަ ހުރިހާ ޝަހުސިއްޔަތުން ތިބޭނީ ކްރޮސްރޯޑްސް ގައެވެ. މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާާސްފަތި ދުވަހުގެ ރޭގަނޑު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އީވާ

    ކޮންމެހެން ޖެހޭތަ އިންޑިޔާ ސްޕޯރޓސް މިނިޓަރު ގެންނަން. ހީވަނީ މީ އިންޑިޔާގެ އަވަށެއްހެން..

  2. ލާރި

    މި ހުރިހާ އެންމެން ތިބެން ހާދަ ފައިސާއެކޭ ދޯ... ސަރުކާރުފެލާ

    3
    1
  3. ދަރަނި ދަންތުރަ

    މަހުލޫފު މޮޔަވީތަ ؟ މިހުރިހާ ކަމަކަށް ހަރަދުކުރަނީ މަހުލޫފުގެ އަމިއްލަޖީބުންތަ ؟ ތިޔަހުރިހާ މީހުންނުގެނަޔަސް ތިޔަ އެވޯޑު ދެވޭނެ ބޭކާރު ހަރަދު ތިޔަކުރަނީ ގައުމު މިއޮތް ހާލަތު މަހުލޫފަށް ނޭންގެނީބާ ބީތާވެފަތަ ހުރީ