ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ވިޔަރެއާލާ ދެކޮޅަށް ބަޔާނުން ދެއްކި ދަށް ކުޅުން ދެވަނަ ލެގުގައި ތަކުރާރު ނުވާނެ ކަމަށް ބަޔާނުގެ ކޯޗް ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.

ވިޔަރެއާލުން ވަނީ މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކޮށް ސެމީގެ އުއްމީދު ބޮޑުކޮށްފައެވެ. މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ބަޔާންގެ ފަރާތުން އެ މެޗުގައި ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެހެންނަމަވެސް ދެވަނަ ލެގުގައި ބަޔާނުގެ އަސްލު ފެންވަރު ފެންނާނެ ކަމަށް ކޯޗް ނާގަލްސްމަން ވަނީ ބުނެފައެވެ.

ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ ދެވަނަ ލެގުގައި ބަޔާނުން ނަތީޖާ ނެރޭނެ ކަމަށާއި ފުރަތަމަ ލެގުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމަކީ ވަގުތީ ކަމެއް ކަމަށެވެ.

" ފުރަތަމަ ލެގުގައި އަހަރެމެން ފެނުނީ ވަރަށް އާދައިގެ ގޮތަކަށް. އެކަމަކު ދެވަނަ ލެގުގައި އެހެން ނުވާނެ. އެއް ޓީމަކާ ދެކޮޅަށް ދަށް ކުޅުމެއް ބަޔާނުން ތަކުރާރު ނުކުރާނެ. އަހަރެމެން ދެވަނަ ލެގުގައި ނަތީޖާ ނެރޭނަން. ފާއިތުވެދިޔަ އަހަރުތަކުގައިވެސް އަހަރެމެން ވާނީ މިކަހަލަ ހާލަތްތަކުގައި ނަތީޖާ ނެރެފަ. ކުޅުންތެރިންގެ ފަރާތުން އެހެން ފެންނަ އާދައިގެ ކުޅުމަކީ އެއީ ވަގުތީ ކަމެއް، " ނާގަލްސްމަން ބުންޏެވެ.

ނާގަލްސްމަން ބުނީ ފުރަތަމަ ލެގުގައި ހެދި ގޯސްތަކުން އަރައިގަނެ މާދަމާގެ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށެވެ.

ފުރަތަމަ ލެގުގައި ވިޔަރެއާލް އަތުން ބަޔާން ބަލިވީ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ބަލިނުވެ ޖެހިޖެހިގެން 22 މެޗު ހަމަކޮށްފައިވަނިކޮށެވެ. ބަޔާން ޗެމްޕިއަންސް ލީގުގެ އަވޭ މެޗަކުން އެންމެ ފަހުން ބަލިވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ބަޔާނާ ވިޔަރެއާލް ކުޅޭ ދެވަނަ ލެގު މެޗު ކުޅޭނީ ބަޔާންގެ ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއޮތްކަމެއްދޯ

    ދައްކުޅުމެކޭ ބަލަ ވިޔަރެއާލް ކަލޭމެންނަށް ކުޅުވިޔަނުދީ ހިފަހެއްޓީޔޭ ޑިފެންސް ކޮށްގެން؟
    ބަހަނާދއްކާތި ވީހާވެސް..؟ވިޔަރެއާލް ކުޅުނީ ޑިފެންސްސައް އެހެންވެ ކަލޭމެންގެ ކުޅުންތެރިން ނަށް ގޮތްނެހެދުނީ؟ ސެކަންޑް ލެގުން އެނގިދާނެ
    ބާ ވާއެއްޗެއް؟ ބަލަމާ؟