ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލަންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓު އާ ނުކުރާނެ ކަމަށް އަންގައިފިއެވެ.

ބަޔާނާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ކޮންޓްރެކްޓް އާ ކުރަން ބަޔާނުން މަސަތްކަތް ކުރަމުން އަންނަ ނަމަވެސް އެއްބަސްވުން އާ ކުރަން އޭނާ ވަނީ ދެކޮޅު ހަދައިފައެވެ. ލެވަންޑޯސްކީ ވަނީ މި ސީޒަނަށް ފަހު ކްލަބް ބަދަލުވާން ބޭނުންވާކަން ބަޔާންގެ މެނޭޖްމަންޓަށް އަންގައިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ލެވަންޑޯސްކީ ބަދަލުވާން ބޭނުންވަނީ ސްޕެއިންގެ ބާސެލޯނާ އަށެވެ. މި ސީޒަން ނިމުމުން ބާސާ އަށް ބަދަލުވާން އެ ކްލަބާއެކު ލެވަންޑޯސްކީ އެއްބަސްވެފައިވާއިރު ބާސާ އިން އޭނާ އަށް ހުށަހަޅާފައިވާނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.

ލެވަންޑޯސްކީގެ ސޮއި ހޯދަން ބާސާ އިން ބަޔާން ރުއްސަން ޖެހޭނެ އެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް "ފީފާ" އިން ދޭ އެވޯޑު ދާދި ފަހުން ޙާސިލްކުރި ލެވަންޑޯސްކީ ގެނައުމަށް ބަޔާނަށް 50 މިލިއަން ޕައުންޑް ދޭން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާލީ ގޮންޖެހުންތަކާ ހެދި މިދިޔަ އަހަރު ބޮޑެތި މައްސަލަތަކާ ކުރިމަތިވި ބާސާ އަލުން އެނބުރި ހަމަ މަގަށް އެޅެމުން އަންނަ އިރު ކޯޗު ޒަވީ ހާނަންޑޭޒާއެކު އެ ކްލަބުން އަންނަނީ ފަހަރަކަށްވުރެ ފަހަރެއް ނަތީޖާތައް ރަނގަޅު ކުރަމުންނެވެ. ކްލަބުގެ ރައީސް ހޮއަން ލަޕޯޓާގެ މާލިމީ ކަމުގެ ދަށުން ބާސާ އިން އާ ފުޓްބޯޅަ ޕްރޮޖެކްޓެއް ފަށާފައިވާއިރު މިދިޔަ ޖެނުއަރީ މަހު އެ ޓީމު ފެނުނީ ޓްރާންސްފާ ބާޒާރުގައި ވަރަށް ހަރަކާތްތެރިކޮށެވެ. ޓީމު ވަރުގަދަ ކުރުމަށް އަންނަ ސީޒަނުގައި ވެސް އެ ޓީމުން ކުޅުންތެރިން ގެންނާނެ ކަމަށް ބެލެވޭއިރު ލެވަންޑޯސްކީ އަކީ ބާސާގެ ޓްރާންސްފާ ޓާގެޓު ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިއެކެވެ.

ޖަރުމަނުގެ ޑޯޓްމަންޑުން ލެވަންޑޯސްކީ ބަޔާނަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. ބަޔާނާއެކު ހޭދަކުރި އަށް ސީޒަނުގައި އޭނާ ވަނީ ކްލަބަށް 340 ގޯލް ޖަހައިދީފައެވެ. ރިޕޯޓްތައް ބުނާގޮތުން ލެވަންޑޯސްކީ ބަޔާން ދޫކޮށްލައިފިނަމަ އޭނާގެ ބަދަލުގައި އެ ޓީމުން ގެންނަން މަސައްކަތްކުރާނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އެވެ.