އުމުރުން 35 އަހަރު ވިޔަސް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އަމާޒަކީ ޓޮޕް ލެވެލްގައި އިތުރު ފަސް އަހަރު ކުޅުން ކަމަށް ރެއާލް މެޑްރިޑްގެ ލެޖެންޑް ސާޖިއޯ ރާމޮސް ބުނެފިއެވެ.

ފުރާވަރު އުމުރުގައި ރެއާލްއާ ގުޅުނު ރާމޮސް 16 އަހަރަށްފަހު އެ ކްލަބު ދޫކޮށްލީ މިދިޔަ އަހަރުއެވެ. މެޑްރިޑް ދޫކޮށް ޕީއެސްޖީ އަށް ރާމޮސް ސޮއި ކުރީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ރެއާލް އަށް ކުޅުނުއިރު ރާމޮސް އަކީ އަބަދުވެސް އެއް ލެވެލްއެއްގައި ކުޅުން ދަމަހައްޓަމުން އައި ކުޅުންތެރިއެކެވެ. ރެއާލްއާ އެކު 22 ތަށި ހޯދި ރާމޯސް ޑިފެންޑަރަކަށް ކުޅުނަސް އެ ކްލަބަށް ގިނަ ގޯލްތަކެއް ޖަހައި ދިނެވެ. އެ ކްލަބަށް 671 މެޗު ކުޅެ 101 ގޯލް ޖެހިއެވެ. ނަމަވެސް ޕީއެސްޖީގައި ރާމޮސް އަކަށް މި ކުޅުމެއް އަދި ނުދެއްކެއެވެ. ޕީއެސްޖީއާ ގުޅުނު ފަހުން އޭނާ ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. އޭގެ ތެރެއިންވެސް 90 މިނެޓު ފުރިހަމަކޮށްފައިވަނީ އެންމެ ތިން މެޗެއްގައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރާމޮސް އަމަޒޮން ޕްރައިމް އަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާގެ އަމާޒަކީ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅުން ކަމަށެވެ.

" އަހަރެން ޕީއެސްޖީގައި މިހުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި. އޭގެ ފަހުން އިތުރު އެއް އަހަރު މި ކްލަބުގައި މަޑުކުރެވޭތޯ ބަލާނީ. އަހަރެން އަބަދުވެސް ބަލަނީ އެންމެ މޮޅު ޓީމަށް ކުޅެން. އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ވާކަށް ބޭނުމެއް ނޫން. މޮޅު ޓީމަކަށް ކުޅެގެން ކާމިޔާބު ލިބޭނީ. ކަލެކްޓިވް ޓްރޮފީސް. އެއީ އަހަރެން ބޭނުންވާ އެއްޗަކީ. އަމާޒަކީ ޓޮޕް ލެވެލްގައި އިތުރު ފަސް އަހަރު ކުޅުން. އަހަރެންގެ ފިޓްނަސް ހިފަހައްޓާލެވިއްޖެއްޔާ އަހަންނަށް ވާނެ. ސަބަބަކީ ފިޓްނަސް ތަންދޭނަމަ މައިންޑް ހުންނާނީ ފޯކަސްގައި، " ރާމޮސް ބުންޏެވެ.

އަނިޔާގެ މައްސަލަތަކާ ހެދި ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް ރާމޮސް ވަނީ ޕީއެސްޖީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކުޅެފައެވެ.