ޔާއޯ ޕެޑްރޯ ކަންސެލޯއޭ ބުނެފިނަމަ މިހާރު ފުޓްބޯޅަ ދުނިޔޭގެ އެންމެނަށްވެސް އޭނާ އެއީ ކާކުކަން އެނގޭނެ އެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓަ ސިޓީ އަށް ކުޅެމުން އަންނަ ޑިފެންޑަރަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފުލްބެކެވެ. ޑިފެންސްގެ ކޮންމެ ފަޅިއަކަށްވެސް ކުޅެން ޖެހިލުމެއް ނުވާ ކަންސެލޯ އަކީ އަގުބޮޑު ސިޓީ ސްކޮޑުގެ ތެރެއިން ގަވައިދުން ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

މިހާރު އޭނާ އަކީ ފުޓްބޯޅަ ތަރި އެއް ނަމަވެސް އެއް އިރެއްގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ކަންސެލޯ އުޅުނެވެ. މިއީ ގިނަ ބަޔަކަށް އެނގޭ ކަމެއް ނޫނެވެ. މީގެ 10 އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި މަންމަ މަރުވުމުން ދުނިޔެ މަތިން ފޫހިވެ ފުޓްބޯޅަ އާ ދުރަށް ދާން ނިންމި ކަމަށް ކަންސެލޯ ވަނީ އިންޓިވިއުއެއްގައި ބުނެފައެވެ.

މެންޗެސްޓަ އަދި ޕޯޗުގަލްގެ ތަރި ކަންސެލޯ

ޕޯޗުގަލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަންސެލޯ، 27، ބުނީ މަންމަ މަރުވި އެކްސިޑެންޓަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތިކުރުވަނިވި ހާދިސާ ކަމަށާއި އެފަހަރު އޭނާގެ ހަޔާތް އެފުށް މިފުށައް ޖެހުނު ކަމަށެވެ.

" މަންމަ އަހަރެންނާ ވަކިވުމުން ހީވީ ވަޅެއްގެ އެންމެ ފުނަށް އަހަރެން ވެއްޓުނުހެން. ދުނިޔެ މަތިން މުޅިން ފޫހިވި. ފުޓްބޯޅަ އަށް އޮތް ޝައުގު ގެއްލެން ފެށި. ކުޅުން ހުއްޓާލަން ވެސް އުޅުނިން. ފުޓްބޯޅަ ކުޅުނީ ކުޅެން ޖެހުމުން. ގިވް އަޕް ކޮށްލަން އެތައް ފަހަރަކު ހިތަށް އެރި. ވަރަށް ދުވަސްފަހުން ފުޓްބޯޅައިގެ ތެރެއަށް އަނެއްކާ ލޯ ޖެހިގެން އައީ ވެސް. އަހަރެންގެ ހިނިތުންވުން އެނބުރި އައީވެސް، " ކަންސެލޯ ބުންޏެވެ.

ކަންސެލޯ ބުނީ ފުޓްބޯޅައިގެ ތެރެއިން ކާމިޔާބީތަކެއް ލިބުނު ނަމަވެސް މަންމަ ނެތުމުން މިހާރު ދިރިއުޅުން ފުރިހަމަ ނޫން ކަމަށެވެ.

" މިހާރު މުހިއްމު ކާމިޔާބީއެއް ލިބުނަސް އަބަދުވެސް ކަމެއް މަދުވާހެން ހީވޭ. މަންމަ މަރުވި ފަހުން އެ ހުސްކަން އަހަރެންގެ ހަޔާތުގައި އަބަދުމެ ހުރޭ. އަހަރެން ޕޯޗުގަލް އަށް ދާ ކޮންމެ ފަހަރަކު މަންމަ ކައިރިއަށް (ސިމެޓްރީ) އަށް ދަން. އެއީ އަހަންނަށް ހިތްހަމަޖެހުން ލިބޭ ވަގުތު ކޮޅަކީ. ފިޒިކަލީ މަންމަ ފެންނަން ނެތަސް އެތަނުގައި އިނދެ މަންމަ ކައިރީ އަހަރެންގެ އުދާސްތައް ބޭރުކުރެވުމުން ހިތަށް ފިނިކަން ގެނެސްދޭ. އަހަރެންގެ ހަށިގަނޑު ސާފުކޮށްދޭ ކަހަލަ،" ކަންސެލޯ ބުންޏެވެ.

މީގެ 10 އަހަރު ކުރިން އެ އެކްސިޑެންޓް ހިނގި އިރު ކާރު ތެރޭގައި ތިބީ ކަންސެލޯ އާއި އޭނާގެ މަންމަ ފިލަމީނޯ ކަންސެލޯ އަދި އޭނަގެ ބޭބެ ޕެޑްރޯއެވެ. އެކްސިޑެންޓުގައި މަންމަ މަރުވިއިރު ޒަހަމްތަކަކާއެކު ކާންސެލޯ އާއި އޭނާގެ ބޭބެ ސަލާމަތްވިއެވެ. އޭރު އުމުރުން 18 އަހަރުގެ ކާންސެލޯ އާއި ޕޯޗުގަލްގެ ބެންފީކާގެ ޔޫތު ޓީމަށް ކުޅެމުންނެވެ.

ކަންސެލޯ ބުނީ ހަޔާތުގައި އޭނާ ހޯދާ ކޮންމެ ކާމިޔާބީއެއް ހާއްސަ ކުރަނީ އޭނާގެ މަންމަ އަށް ކަމަށެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތްއިރު ފުޓްބޯޅަ ކުޅުންތެރިއަކަށްވާން ކަންސެލޯ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދަން އެންމެ ބޮޑަށް މަސަތްކަތް ކުރީ އޭނާގެ މަންމަ ކަމަށްވުމުން މިއަދު ފުޓްބޯޅަ ކުޅެނީ ވެސް މަންމަގެ ހަނދާނުގައި ކަމަށް ކަންސެލޯ ބުންޏެވެ.