ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އެ ކްލަބުގައި މަޑުކުރާނެ ކަމަށް ބަޔާންގެ ސީއީއޯ އޮލިވާ ހާން ވިދާޅުވެއްޖެއެވެ.

ބަޔާނާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ކޮންޓްރެކްޓް އާ ކުރަން ބަޔާނުން މަސަތްކަތް ކުރަމުން އަންނަ ނަމަވެސް އެއްބަސްވުން އާ ކުރަން އޭނާ ވަނީ ދެކޮޅު ހަދައިފައެވެ. ލެވަންޑޯސްކީ ވަނީ މި ސީޒަނަށް ފަހު ކްލަބް ބަދަލުވާން ބޭނުންވާކަން ބަޔާންގެ މެނޭޖްމަންޓަށް އަންގައިފަ އެވެ. ނަމަވެސް ބަޔާނުގެ ޑިރެކްޓަރު އޮލިވާ ހާން ވިދާޅުވީ އަންނަ ސީޒަނުގައިވެސް ލެވަންޑޯސްކީ ފެނިގެންދާނީ ބަޔާނުން ކަމަށާއި އޭނާ ދޫކޮށްލުމުގެ އެއްވެސް ޝައުގެއް ނެތް ކަމަށެވެ.

" ހަމަ ޔަގީނުންވެސް އަންނަ ސީޒަނުގައި ލެވަންޑޯސްކީ ފެނިގެންދާނީ ބަޔާނުން. އަހަރެމެން މިއީ މޮޔައިންނެއް ނޫން ސީޒަނަކު 30-40 ގޯލް ޖަހާ ކުޅުންތެރިއެއް ދޫކޮށްލުމާ ބެހޭގޮތުން މަޝްވަރާ ކުރާކަށް. ލެވަންޑޯސްކީ އަކީ ބަޔާން ކުޅުންތެރިއެއް. އަހަރެމެން މިތިބީ ވަރަށް ހަމަޖެހިލައިގެން، " އޮލިވާ ހާން ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުން ލެވަންޑޯސްކީ ބަދަލުވާން ބޭނުންވަނީ ސްޕެއިންގެ ބާސެލޯނާ އަށެވެ. މި ސީޒަން ނިމުމުން ބާސާ އަށް ބަދަލުވާން އެ ކްލަބާއެކު ލެވަންޑޯސްކީ އެއްބަސްވެފައިވާއިރު ބާސާ އިން އޭނާ އަށް ހުށަހަޅާފައިވާނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.

ބާސާ އަށް ބަދަލުވާން ލެވަންޑޯސްކީ އެއްބަސްވިއަސް އޭނާގެ ސޮއި ހޯދަން ބާސާ އިން ބަޔާން ރުއްސަން ޖެހޭނެއެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް "ފީފާ" އިން ދޭ އެވޯޑު ދާދި ފަހުން ޙާސިލްކުރި ލެވަންޑޯސްކީ ގެނައުމަށް ބަޔާނަށް 50 މިލިއަން ޕައުންޑް ދޭން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުގެ ޑޯޓްމަންޑުން ލެވަންޑޯސްކީ ބަޔާނަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. ބަޔާނާއެކު ހޭދަކުރި އަށް ސީޒަނުގައި އޭނާ ވަނީ ކްލަބަށް 340 ގޯލް ޖަހައިދީފައެވެ.