ބާސެލޯނާއާއެކު ހަދާފައިވާ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ފިލީޕެ ކުޓީނިއޯ ގަތުމަށް ނިއުކާސަލް ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތް ހިސާބުން ފެށިގެން އެ ކްލަބުން ވަނީ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރަން ފަށައިފައެވެ. ޖެނުއަރީ ޓްރާންސްފާ ބާޒާރުގައިވެސް ނިއުކާސަލް އިން ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު އަންނަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެ ކްލަބުން ޔޫރަޕުގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ސޮއި ހޯދާނެ ކަމަށް ބެލެވެއެވެ.

އެ ގޮތުން އެ ޓީމުން ގެންގުޅޭ ޓްރާންސްފާ ލިސްޓުގެ ކުރިގައި ބްރެޒިލްގެ ކުޓީނިއޯގެ ނަން އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ލިވަޕޫލް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 142 މިލިއަން ޔޫރޯ (160 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ. ބާސާގައި ފްލޮޕްވެ ލޯނު އުސޫލުން ބަޔާން މިއުނިކަށް ވެސް ކުޅުނު ކުޓީނިއޯ މިހާރު ކުޅެމުން އަންނަނީ ސްޓީވެން ޖެރާޑުގެ އިރުޝާދުގެ ދަށުން އެސްޓަން ވިލާއަށެވެ.

ވިލާ އިން ބާސެލޯނާއާއެކު އެއްބަސްވުން ހަދާފައިވަނީ ކުޓީނިއޯ ދާއިމީކޮށް ގަތުމުގެ އޮޕްޝަނެއް ހިމަނައިގެންނެވެ. އެއީ ސީޒަން ނިމުމުން 40 މިލިއަން ޔޫރޯގެ ފީއެއް ބާސާ އަށް ދިނުމަށްފަހުއެވެ. ނަމަވެސް އަދި މިހާތަނަށް ވިލާ އިން ކުޓީނިއޯ ދާއިމީ ކޮށް ގަތުމާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ. އަނެއްކޮޅުން ރިޕޯޓުތައް ބުނާގޮތުން ނިއުކާސަލް އޮތީ ކުޓީނިއޯގެ ސޮއި ހޯދަން ބާސެލޯނާ އަށް 40 މިލިއަން ޔޫރޯ ދޭން ތައްޔާރަށެވެ.

އެސްޓަން ވިލާގެ ކޯޗަކަށް ހުރި އަދި ކުރިން ލިވަޕޫލްގައި ކުޓީނިއޯ އާއެކު ކުޅުނު ސްޓީވެން ޖެރާޑް ވަނީ މީގެ ކުރިން ކުޓީނިއޯ ވިލާގައި މަޑުކުރަން އޭނާ ބޭނުންވާކަން ހާމަކޮށްފައެވެ.