މި ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލަން އެ ޓީމުގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ނިންމައިފިއެވެ.

ޔުވެންޓަސްއާއެކު ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު މި ސީޒަނަށްފަހު ކްލަބާ އަލްވަދާއު ކިޔާނެކަން ކިއެލީނީ، 37، ވަނީ ކަށަވަރުކޮށްދީފައެވެ.

ކްލަބާ ވަކިވާނެކަން ހާމަކުރަމުން ކިއެލީނީ ބުނީ ޔުވެންޓަސްއާއެކު އޭނާ ހޭދަކުރީ ކާމިޔާބު އަދި ހަނދާނުން ނުނެތޭނެ ފަދަ އުފާވެރި އަހަރުތަކެއް ކަމަށެވެ.

" ފާއިތުވެދިޔަ ދިހަ އަހަރަކީ ވަރަށް ވެސް ކާމިޔާބު 10 އަހަރު. އެކަމަކު މިހާރު މިއީ ދެން ތިބި ކުދިން ޓީމު ގޮވައިގެން ކުރިއަށްދާންވީ ވަގުތު. އަހަންނަށްވީ ވަރެއް އަހަރެން ކުރިން. ހޯމަ ދުވަހު އަހަރެން ޔުވެންޓަސްގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާނަން. ދެން އަހަރެން ވާނީ ޔުވެންޓަސްގެ އެންމެ ބޮޑު ސަޕޯޓަރަށް،" ކިއެލީނީ ބުންޏެވެ.

ކިއެލީނީ އެންމެ ފުރަތަމަ ޔުވެންޓަސްއާ ގުޅުނީ 2004 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބާއެކު އިޓާލިއަން ލީގު ނުވަ ފަހަރު އަދި އިޓާލިއަން ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ކިއެލީނީ ވަނީ ޔުވެންޓަސް ޖާޒީގައި ދެ ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ.

ޔުވެންޓަސް ދޫކޮށްލާނެކަން ކިއެލީނީ ހާމަކޮށްފައިވާއިރު އަންނަ ޖޫން މަހަށްފަހު އިޓަލީގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަން ވެސް ކިއެލީނީ ވަނީ މީގެ ކުރިން ބުނެފައެވެ. ގައުމީ ޓީމުން އޭނާ ރިޓަޔާ ކުރަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހު ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް އިޓަލީ ކުޅޭ މެޗަށްފަހުއެވެ.