ޕެނަލްޓީގައި ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދީ ފައިނަލުގައި ޗެލްސީއާއި ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވުމުން އިތުރުވަގުތު ކުޅެގެންވެސް ހަމަހަމަވުމުން ޕެނަލްޓީ ޖަހައިގެން 5-6 ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ލިވަޕޫލުން އެންމެފަހުން ހޯދާފައިވަނީ 2006 ވަނަ އަހަރުގައެވެ. އެހެންކަމުން މި ކާމިޔާބީ އެ ޓީމުން މި ހޯދީ 16 އަހަރަށްފަހު އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލިވަޕޫލްގެ ފަހަތުން ގިނަ ގޯސްތަކެއް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ޗެލްސީން ވަނީ މި މެޗުގައި ލިވަޕޫލް ގޯލަށް ނުރައްކާކޮށް ގިނަ ބޯޅަތަކެއް ފޮނުވާލާފައެވެ. ލިވަޕޫލަށް މި މެޗުގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އެ ޓީމުގެ ތަރި މުހައްމަދު ސަލާހް އަށް އަނިޔާވުމާއި ގުޅިގެންނެވެ. އޭނާގެ ބަދަލުގައި ދެން ކުޅެން އެރީ ޑިއޮގޯ ޖޮޓާ އެވެ.

ލީޑުނަގާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އިރު ގޯލުގެ ދަނޑިއަށްވެސް ބައެއް ބޯޅަތައް އަމާޒުވިއެވެ.

މެޗުގެ 120 މިނެޓު ހަމަވިއިރު ލަނޑެއް ނުޖެހުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަަޕޫލްގެ ސަޑިއޯ މާނޭ ޖެހި ބޯޅަ މެންޑީ މަތަކުރިއެވެ. މި ދެ ކުޅުންތެރިންނަކީ އެއް ގައުމެއްގެ ދެ ކުޅުންތެރިންނެވެ. އެކުގައި ގިނަ މެޗުތަކެއްވެސް ކުޅެފައިވާ ކުޅުންތެރިންނެވެ. ޗެލްސީގެ ޕެނަލްޓީތަކުގެ ތެރެއިން މޭސަން މައުންޓް ޖެހި ޕެނަލްޓީ މަތަކުރިއެވެ.

މިއީ ލިވަޕޫލްގެ ތާރީހުގައި ބޮޑު ކާމިޔާބީއެކެވެ. ހާއްސަކޮށް އެ ޓީމުގެ ކޯޗުކަމުގެ މަގާމާއި 2015 ގައި ހަވާލުވި ޔާގެން ކްލޮޕް ގެ ކެރިއަރުގައި ބޮޑު ކާމިޔާބީއެކެވެ.

އިނގިރޭސި ލީގު ކަޕުވެސް ކާމިިޔާބުކުރި ލިވަޕޫލަށް ކުރިޔަަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ. މިމަހުގެ 28 ވަނަ ދުވަހު އޮންނަ ފައިނަލުގަައި އެ ޓީމު ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ.