ރެއާލް މެޑްރިޑްގައި 16 އަހަރު ހޭދަ ކުރި ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ގްރީސްގެ ކުލަބެއް ކަމަށްވާ އޮލިމްޕިއާކޯސް އަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ގްރީސްގެ ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 34 އަހަރުގެ ބްރެޒިލް އާއި ރެއާލްގެ ތަރި އޮލިމްޕިއާކޯސް އަށް ބަދަލުވެފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެއް އަހަރު ހަމަވުމުން، އިތުރު އަހަރަކަށް ވެސް ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ފުރުސަތު މާސެލޯ އަށް ވަނީ ދީފައެވެ.

މާސެލޯ، އޮލިމްޕިއާކޯސް އަށް ބަދަލުވެފައި މިވަނީ އޭނާ ހޯދުމަށް ޕްރިމިއާ ލީގުގެ ކުލަބު ލެސްޓާ ސިޓީން މަސައްކަތް ކުރަމުން ދަނިކޮށެވެ.

މާސެލޯ ވަނީ ރެއާލް މެޑްރިޑްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ސްޕެއިން ލީގު ހަ ފަހަރު، ފަސް ޗެމްޕިއަންސް ލީގު، ފަސް ސުޕަ ކަޕް، ހަތަރު ކުލަބު ވޯލްޑް ކަޕް، ތިން ޔޫއެފާ ސުޕާ ކަޕް އަދި ދެ ކޮޕަ ޑެލްރޭ މާސެލޯ ވަނީ ހޯދައިފައެވެ.

މާސެލޯ ވަނީ 2006 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ބްރެޒިލްގެ ގައުމީ ޓީމަށް 58 މެޗު ކުޅެދީފައެވެ. އެގޮތުން 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލް ޓީމަށް ކުޅެފައިވެއެވެ.

ޑިފެންޑަރު އޮލިމްޕިއާކޯސް އަށް ބަދަލުވެފައި މިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.