ގަތަރުގައި މި އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ދަނޑުތަކުގެ ތެރޭގައި ބިޔަރު ނުވިއްކޭނު ނަމަވެސް، އެ ތަންތަނުގައި ބިޔަރު ބުއިމަށް ހުރަހެއް ނޯންނާނެ ކަމަށް ފީފާ އިން ބުނެފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ބުނެފައި ވަނީ ސަޕޯޓަރުންނަށް ދަނޑުތަކުގައި ތިބެ ބިޔަރު ބުއިމުގެ ފުރުސަތު އޮންނާނީ މެޗު ފެށުމުގެ ކުރިންނާއި މެޗު ނިމުމުން ކަމަށެވެ. ފީފާ އިން މިގޮތަށް ނިންމާފައި މިވަނީ ގަތަރުގެ ކަމާބެހޭ ފަރާތްތަކާ އެކުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށް ދާނީ އަންނަ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށެވެ. ގަތަރުން ލަފާކުރާ ގޮތުގައި މެޗުތައް ބެލުމަށް މިލިއަނަކަށް ވުރެ ގިނަ މީހުން އެ ގައުމަށް ޒިޔާރަތް ކުރާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިފަހަރު ބިޔަރު ސްޓޭންޑްތައް ބަހައްޓާފައި ހުންނާނީ ސްޓޭޑިއަމްގެ ބޭރުގައެވެ. އަދި ކޮންމެ މެޗެއް ފެށުމުގެ ބައި ގަޑިއިރު ކުރިން އެ ތަނުން ހިދުމަތް ދިނުން މެދުކަނޑާލާނެއެވެ. އަދި މެޗު ނިމޭތާ ކުޑައިރުކޮޅެއް ފަހުން އަނެއްކާ ވެސް އެ ތަންތަނުން ހިދުމަތް ދޭން ފަށާނެ ކަމަށްވެއެވެ.

ދަނޑު ބޭރުގައި ބިޔަރު ވިއްކޭނެ ވަގުތުތަކެއް ފީފާ އިން އާންމުކޮށްފައެއް ނުވެއެވެ. ބިޔަރު ނުވިއްކުނަސް، ދަނޑު ތެރޭގައި ސޮފްޓް ޑްރިންކްސް ފަދަ ތަކެތި ވިއްކޭނެ ކަމަށްވެއެވެ.

އެގޮތުން ސްޓޭޑިއަމްތަކުގައި އަމަލު ނުވާ ޒާތުގެ ބުއިންތައް ވިއްކުމުގެ ހުއްދަ ކޮކާ ކޯލާ އަށް ވަނީ ދީފައެވެ.

ގަތަރާއި ސައުދީ އަރަބިއްޔާގައި ވެސް ބަނގުރާ ބުއިމަކީ މަނާ ކަމެއް ނޫނެވެ. ސައުދީގައި ރާ ވިއްކުމުގެ ހުއްދަ ދީފައި ވަނީ އެންމެ 35 ހޮޓެލާއި ރެސްޓޯރަންޓުގައެވެ. ބިދޭސީންނަށް ބަނގުރާ ގަތުމުގެ އިހްތިޔާރު ސަރުކާރުގެ ސްޓޯރުތަކުން ދީފައި އޮތް އިރު، އާންމު ތަންތަނުގައި ބަނގުރާ ބުއިން މަނައެވެ.