ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެލްޓިކްގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރި ހޯދިއިރު، ސަލްޒްބާގް އަތުން 1-1 ގެ ނަތީޖާއަކުން އޭސީ މިލާން އެއްވަރުވެއްޖެއެވެ.

ސެލްޓިކް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. މިގޮތުން އެޓީމުން ދިޔައީ ރެއާލްގެ ހާފަށް ބާރު ބޮޑުކޮށް، ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ރެއާލްގެ ވަރުގަދަ ޑިފެންސް ފޫ އަޅުވާލައި ސެލްޓިކްއަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައިވާ އިރު، ރެއާލް އިން ވަނީ ދެވަނަ ހާފްގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 56 ވަނަ މިނެޓުގައި ވަލްވާޑޭގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ވިނީސިއަސް ޖޫނިއާއެެވެ.

މި ލަނޑަށްފަހުވެސް ރެއާލްގެ ފަރާތުން ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ސެލްޓިކް އިން ވެސް ދިޔައީ ދޫނިދީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ. މިގޮތުން އެޓީމަށް ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ރެއާލް އިން މެޗުގެ ލީޑު ފުޅާކުރީ 60 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކާ މޮޑްރިޗްއެވެ. އަދި 77 ވަނަ މިނެޓުގައި އެޑެން ހަޒާޑް ވަނީ ރެއާލްގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ 2020 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި ހަޒާޑް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ސަލްޒްބާގް ދަނޑުގައި އޭސީ މިލާން ކުޅުނު މެޗު ފެށިގެން ބޯލަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. މިގޮތުން 28 ވަނަ މިނެޓުގައި ސަލްޒްބާގްގެ އޮކަފޯ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހުވެސް ސަލްޒްބާގް އިން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނިކޮށް، 40 ވަނަ މިނެޓުގައި އޭސީ މިލާން އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއާއެކު އެސީ މިލާން އިން އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއެވެ.

މި މެޗުގެ ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ދެ ޓީމަށްވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެޓީމުންކުރެ ޓީމަކަށްވެސް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.