އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްސްގެ ދެވަނަ ބުރުގައި ބުރުނާއީ އަތުން 10 ޕޮއިންޓްގެ ތަފާތަކުން ރާއްޖެ އަންހެން ނެޓްބޯލް ޓީމު ބަލިވެއްޖެއެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ކުއާޓާ ނިމުނުއިރު 09-10 ގެ ނަތީޖާއަކުން ކުރީގައި އޮތީ ރާއްޖެއެވެ. ނަމަވެސް ދެވަނަ ކުއާޓާގައި ބުރުނާއީން ވަނީ 21-21 ގެ ނަތީޖާއަކުން ރާއްޖެއާ އެއްވަރު ކޮށްފައެވެ.

މީގެއިތުރުން ތިންވަނަ ކުއާޓާގައި ބުރުނާއީން ވަނީ 33-34 އިން ރާއްޖޭގެ މައްޗަށް ލީޑު ނަގާފައެވެ. އަދި ހަތަރު ވަނަ ކުއާޓާގައި ހޯދި ޕޮއިންޓް ތަކާއެކު ބުރުނާއީން ރާއްޖޭގެ މައްޗަށް ކުރިހޯދީ 40-50 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ދެވަނަ ބުރުން ރާއްޖެ ޖާގަ ހޯދީ ޖަޕާން ބަލި ކުރުމަށްފަހު، ގްރޫޕްގެ ދެވަނައިގެ ގޮތުގައެވެ. އެ ގްރޫޕްގައި ޖަޕާން އަދި ރާއްޖޭގެ އިތުރުން ސިންގަޕޫރު ހިމެނުނުއިރު، ގްރޫޕްގެ އެއްވަނަ ހޯދީ އެޓީމުންނެވެ.

މުޅި މުބާރާތުގައިވެސް ރާއްޖޭގެ ފަރާތުން ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެވަނަ ބުރުގައި ފިލިޕިންސްއާ ދެކޮޅަށް ކުޅުނު މެޗުންވެސް ރާއްޖެ ވަނީ 41-59 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ޖުމްލަ 11 ޓީމު ބައިވެރިވާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.