އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްސްގައި ބުރުނާއީ އަތުން ބަލިވެ، ރާއްޖެއަށް މުބާރާތުގެ ހަތް ވަނަ ލިބިއްޖެއެވެ.

މުބާރާތުގެ ހަ ވަނަ އަދި ހަތް ވަނަ ހޮވަން ކުޅުނު މެޗުން ބުރުނާއީ އަތުން ރާއްޖެ ބަލިވީ 42-51 ގެ ނަތީޖާއަކުންނެވެ. މިއާއެކު ބުރުނާއީއަށް ވަނީ މުބާރާތުގެ ހަ ވަނަ ލިބިފައެވެ.

މުބާރާތުގެ ދެވަނަ ބުރުގައިވެސް ބުރުނާއީ އަދި ރާއްޖެ ވަނީ ބައްދަލު ކޮށްފައެވެ. އެ މެޗުންވެސް ރާއްޖެ ވަނީ 40-50 ގެ ނަތީޖާއަކުން ބުރުނާއީ އަތުން ބަލިވެފައެވެ.

މުބާރާތުގައި ރާއްޖެއިން ސިންގަޕޫރު އަދި ފިލިޕިންސް އަތުން ބަލިވެފައިވާއިރު، ޖަޕާން އަތުން ވަނީ މޮޅެއް ހޯދާފައެވެ. މުޅި މުބާރާތުގައިވެސް ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ސިންގަޕޫރު ބަލިކޮށް ސްރީލަންކާ ހޯދާފައިވާއިރު، މި ދެ ޓީމަށްވެސް އަންނަ އަހަރު އޮންނަ ނެޓްބޯލް ވޯލްޑް ކަޕް އިން ފުރުސަތު ލިބޭނެއެވެ.

މުބާރާތުގެ ތިންވަނަ މެލޭޝިއާ ހޯދިއިރު، ހަތަރުވަނަ ހޯދީ ހޮންކޮންގްއެވެ. އަދި ފަސްވަނަ ފިލިޕިންސްއަށް ލިބުނުއިރު، 8 ވަނަ ހޯދީ އިންޑިއާއެވެ. ޗައިނީސް ޓައިޕޭއަށް ނުވަ ވަނަ ލިބުނުއިރު، ޖަޕާންއަށް ލިބިފައި ވަނީ 10 ވަނައެވެ.