މިރޭ ގަތަރުގެ 974 ސްޓޭޑިއަމްގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސާބިއާ ބައްދަލުކުރާނީ ސްވިޒަލެންޑާއެވެ.

މި ދެ ގައުމަށްވެސް އަދިވެސް ބްރެޒިލްއާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ފުރުސަތު ބޮޑީ ސްވިޒަލެންޑަށެވެ.

ސްވިޒަލެންޑް އޮތީ ތިން ޕޮއިންޓާއެކު ގުރޫޕް ޖީ ގެ ދެވަނައިގައެވެ. އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ބްރެޒިލްއެވެ. ސާބިއާ އާއި ކެމަރޫނަށް އެއް ޕޮއިންޓް ލިބިފައިވާ އިރު ގޯލުގެ ތަފާތުން ސާބިއާ އޮތީ ގުރޫޕްގެ ފުލުގައެވެ.

ސްވިޒަލެންޑް މި މެޗުން މޮޅުވެއްޖެނަމަ ދެވަނަ ބުރު ޔަގީންވާނެއެވެ. އަދި އަނެއް މެޗުން ބްރެޒިލްގެ ކައިރިން ކެމެރޫން މޮޅު ނުވާހާ ހިނދަކު މި މެޗުން އެއްވަރު ވިޔަސް ސްވިޒަލެންޑަށް ދެވަނަ ބުރަށް ދެވޭނެއެވެ. ކެމަރޫން މޮޅުވެއްޖެ ނަމަ ޖެހޭނީ ގޯލުގެ ތަފާތަށް ބަލާށެވެ.

ސާބިއާގެ ދެވަނަ ބުރުގެ ދަތުރު ތަންކޮޅެއް އުނދަގުލެވެ. ސާބިއާ އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހޯދުމަށް ޖެހޭނީ މި މެޗުން މޮޅުވާށެވެ. އަދި އަނެއް މެޗުން ކެމަރޫން މޮޅުވެއްޖެ ނަމަ ޖެހޭނީ ގޯލުގެ ތަފާތަށް ބަލާށެވެ.

ސްވިޒަލެންޑް މުބާރާތުގައި ފުރަތަމަ ބައްދަލު ކުރީ ކެމަރޫނާއެވެ. މި މެޗުން 1-0 ގެ ނަތީޖާއަކުން ސްވިޒަލެންޑު ވަނީ މޮޅުވެފައެވެ. މި މެޗުގެ ހަމައެކަނި ގޯލު ސްވިޒަލެންޑަށް ކާމިޔާބު ކޮށްދިނީ މެޗުގެ 47 ވަނަ މިނެޓުގައި އެޓީމުގެ ޝަގީރީ އަރިމަތިން ހުރަސްކޮށްދިން ބޯޅައަކުން ކެމަރޫނަށް އުފަން އެމްބޯލޯއެވެ.

ސްވިޒަލެންޑާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން. --- ފޮޓޯ: ގެޓީ އިމޭޖަސް

މުބާރާތުގެ ދެވަނަ މެޗުގައި ސްވިޒަލެންޑުން ބައްދަލުކުރީ ބްރެޒިލްއާއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ބްރެޒިލްއެވެ.

ސުވިޒަލޭންޑު ވަނީ މިހާތަނަށް 11 ފަހަރު ވޯލްޑް ކަޕްގައި ކުޅެފައެވެ. އަދި އެޓީމުން ވަނީ 1934، 1938 އަދި 1954 ގައި ކުއާޓަރ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައެވެ. އަދި 1994، 2006، 2014 އާއި 2018 ގެ މުބާރާތުގައި ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސާބިއާ ބައްދަލުކުރީ ބްރެޒިލް އާއެވެ. މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނި ބްރެޒިލްއެވެ.

ދެވަނަ މެޗުގައި ކެމަރޫނާއި ބައްދަލުކޮށް ގިނަ ލަނޑުތަކެއް ދެ ޓީމުން ޖަހާފައިވީނަމަވެސް މެޗު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

2006 ގައި ސާބިއާ މިނިވަންވި ފަހުން ކުޅެފައިވަނީ 3 ވޯލްޑްކަޕެވެ. އޭގެ ފަހުން ކުޅުނު ޖުމްލަ 11 މެޗުގެ ތެރެއިން ސާބިއާ ވަނީ 8 މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެ، ދެ މެޗުން މޮޅުވެފައެވެ.

މިލިންކޮވިޗް ސޭވިޗް ސާބިއާގެ ދެވަނަ ލަނޑު ކަާމިޔާބުކޮށްދެނީ----ފޮޓޯ: ސްކައިސްޕޯޓްސް

މި ދެޓީމު މީގެ ކުރިން ބައްދަލުކޮށްފައިވަނީ އެއްފަހަރުއެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖުގައެވެ. މި މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ސްވިޒަލެންޑެވެ.

ސާބިއާގެ ލަފާކުރެވޭ ފުރަތަމަ 11: ސާގޭޖް މިލިންކޮވިޗް ސޭވިޗް، ވަންޖާ މިލިންކޮވިޗް ސޭވިޗް، މިލެންކޮވިޗް، ވެލްކޮވިޗް، ޕަވްލޮވިޗް، ޒިވްކޮވިޗް، މަކްސިމޮވިޗް، ލޫކިޗް، ކޮސްޓިޗް، ޓަޑިޗް، މިޓްރޮވިޗް

ސްވިޒަލެންޑުގެ ލަފާކުރެވޭ 11: ސޮމަރ، ވިޑްމަރ، އަކަންޖީ، އެލްވެޑީ، ރޮޑްރިގޭޒް، ޒާކާ، ފްރުއެލަރ، ޝަގީރީ، ސޯ، ވަރްގަސް، އެމްބޯލޯ

ސާބިއާ އާއި ސްވިޒަލެންޑު ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.