ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ގާނާ އާއި އުރުގުއާއީ ބައްދަލުކުރި މެޗުން 2-0 ގެ ނަތީޖާއަކުން އުރުގުއާއީ މޮޅުވި ނަމަވެސް މުބާރާތުން ކަޓައިފިއެވެ.

އެއާއެކު ގުރޫޕް އެޗް އިން ދެވަނަ ބުރަށް ގޮސްފައިމިވަނީ ޕޯޗުގަލް އާއި ދެކުނު ކޮރެއާއެވެ. މިރޭ ޕޯޗުގަލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ދެކުނު ކޮރެއާއެވެ. ދެކުނު ކޮރެއާއާއި އުރުގުއާއީ އަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ ދެކުނު ކޮރެއާއެވެ.

މިއީ 2002 ގެ ފަހުން އުރުގުއޭ ގުރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.

ގަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މެޗު ދެ ޓީމުންވެސް ފަށާފައިވަނީ ވަރަށް ހަމަހަމަކޮށެވެ.

މެޗު ފެށިގެން 10 ވަރަކަށް މިނެޓް ހިނގިއިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައިވަނީ އުރުގުއާއީންނެވެ. ނަމަވެސް މެޗުގެ އެހިސާބަށް ދިޔައިރު އެއްވެސް ޓީމަކަށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ގާނާއާއި އުރުގުއާއީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ : ގެޓީ އިމޭޖަސް

މެޗުގެ 14 ވަނަ މިނެޓްގައި ނޫނޭޒްއަށް ވަނީ ގާނާގެ ޑިފެންސް ފޫ އަޅުވާލާ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ނޫނޭޒްއަށް ގޯލަށް ހަމަލާ އަމާޒު ނުކުރެވެނީސް ސަލިސު ވަނީ މި ބޯޅަ ދިފާއުކޮށްފައެވެ.

ގާނާއިން އެމީހުންގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ މެޗުގެ 16 ވަނަ މިނެޓްގައެވެ. ޖޯޑަން އާޔޫ ވަނީ ޕެނެލްޓީ އޭރިއާގެ ބޭރުން ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ކީޕަރު ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ. އަދި މިކަމުގެ ތެރޭގައި ކީޕަރު ކުޑޫސް އަށް ފައުލް ކުރުމުން ގާނާއަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ރެފްރީ ފުރަތަމަ ނިންމާފައިވަނީ އާޔޫ ހުރީ އޮފްސައިޑްގައި ކަމަށެވެ. ނަމަވެސް ވީއޭއާރް ބެލުމަށް ފަހު އޮފްސައިޑް ނޫންކަމަށް ނިންމާ ގާނާއަށް ޕެނެލްޓީ ދިނުމަށް ރެފްރީ ނިންމީއެވެ.

ނަމަވެސް މި ޕެނެލްޓީ އެންޑްރޫ އާޔޫއަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތް ނުވުމުން ކީޕަރު ވަނީ މި ޕެނެލްޓީ ގޯލަށް ވަނަ ނުދީ ހިފަހައްޓާފައެެވެ.

ގާނާއިން ޖެހި ޕެނެލްޓީ ކީޕަރު ރޮޗެޓް ދިފާއުކުރަނީ ---ފޮޓޯ: ސްކައިސޕޯޓްސް

މެޗުގެ 23 ވަނަ މިނެޓްގައި އުރުގުއާއީން ވަނީ އެމީހުންގެ ފުރަތަމަ ގޯލު ޖެހުމާއި ވަރަށް ކައިރިކޮށްފައެވެ. ނޫނޭޒް ބޯޅަ ހިފައިގެން އައިސް ގޯލާއި ކައިރިވުމުން އޭނާ ހުއްޓުވުމަށްޓަކައި ކީޕަރު އަޓީ ޒިގީ ވަނީ ގޯލުން ނުކުމެފައެވެ. ނަމަވެސް ނޫނޭޒް މަތިން ފޮނުވާލި ބޯޅަ ހުސްކޮށް ހުރި ގޯލަށް ވަނުމުގެ ކުރިން ގާނާގެ ޑިފެންޑަރު ސަލިސޫ ވަނީ ބޯޅަ ކްލިއަރ ކޮށްފައެވެ.

ނަމަވެސް އުރުގުއާއީން ހުއްޓުމެއްނެތި ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 26 ވަނަ މިނެޓްގައި އުރުގުއާއީން މެޗުގެ ފުރަތަމަ ލަޑު ޖަހާ މެޗުގެ ލީޑް ނެގުމެވެ. ނޫނޭޒް ނަގައިދިން ހުރަހަކުން ސުއަރޭޒްވަނީ ފުރަތަމަ ހަމަލާ ފޮނުވާލާފައެވެ. ނަމަވެސް ކީޕަރު އަޓީ ޒިގީ ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ. ނަމަވެސް އަނެއްކާވެސް ޑެ އަރަސްކައިޓާ ވަނީ ގޯލާއި ވަރަށް ކައިރިން ބޮލުން ޖަހާ ބޯޅަ ގޯލަށް ވައްދާލާފައެވެ. މި ގޯލުޖެހުމުގައި ގާނާގެ ޑިފެންސު ފެނުނީ ވަރަށް ބަލިކަށިކޮށެވެ.

ހަމަ އޭގެ ކުޑަ އިރުކޮޅެއްފަހުން މެޗުގެ 32 ވަނަ މިނެޓްގައި އުރުގުއާއީން ވަނީ ދެ ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ގޯލުވެސް ޖަހައިދީފައިވަނީ ސުއަރޭޒް ދިން ބޯޅައަކުން ޖޯޖިއަން ޑެ އަރަސްކައިޓާއެވެ.

ޖޯޖިއަން ޑެ އަރަސްކައިޓާ އުރުގުއާއީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދެނީ --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 37 ވަނަ މިނެޓްގައި ގާނާއިން ވަނީ ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފައެވެ. ކުޑޫސް ވަނީ އޭރިއާ ބޭރުން ގޯލަށް އަމާޒު ކޮށް ވަރަށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ގިމެނޭޒް ވަނީ މި ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އުރުގުއާއީގެ ވެލްވާޑޭ ނަގައިދިން ހިލޭ ޖެހުމަކުން ގިމެނޭޒް ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލުގެ މަތިން ބޭރަށެވެ.

ގާނާއިން ދެވަނަ ހާފް ފެށިތަނާ ވަނީ ޖޯޑަން އާޔޫ އަދި އެންޑްރޫ އާޔޫގެ ބަދަލުގައި ބުކާރީ އަދި ސުލެމާނާ އަރުވާފާއެވެ. މި ބަދަލާއެކު ގާނާގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވިތަން ފެނިގެން ދިޔައެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފް ފެށިގެންދިޔައިރު އުރުގުއާއީއަށް ވުރެ ރަނގަޅަށް ކުޅެމުންދިޔައީ ގާނާއިންނެވެ. އުރުގުއާއީން ފެނިގެންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދާތަނެވެ.

މެޗުގެ 56 ވަނަ މިނެޓްގައި ގާނާގެ ސަލިސޫ ވަނީ އުރުގުއާއީގެ ޑިފެންސް ފޫ އަޅުވާލާފައި ކުރިއަށް ގޮސްހުރި ސުލެމާނާއަށް ރީތި ބޯޅައެއް ދީފައެވެ. ނަމަވެސް ކީޕަރު ރޮޗެޓް ވަނީ ގޯލުން ބޭރަށް ނުކުމެ މި ބޯޅަ ދިފާއުކޮށްފައެވެ.

ކުޑޫސް އޮލިވޭރާ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ --- ފޮޓޯ: ރޮއިޓާސް

މެޗުގެ 57 ވަނަ މިނެޓްގައި އަމާޓޭ ނޫނޭޒްއަށް ފައުލްކުރުމުން އުރުގުއާއީން ވަނީ ޕެނެލްޓީއަކަށް އެދިފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ޕެނެލްޓީ ދީފައެއް ނުވެއެވެ.

މެޗުގެ 64 ވަަނ މިނެޓްގައިވެސް ގާނާއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. ސުލެމާނާ ވަނީ ގޯލު ކައިރީ ހުރި ބުކާރީ އަށް ރީތި ހުރަހެއް ނަގާދީފައެވެ. ނަމަވެސް ސުލެމާނާއަށް މި ބޯޅައާއި ހަމައަށް ނާދެވި ބޯޅަ ވަނީ ބޭރުވެފައެވެ.

އުރުގުއާއީ ގެ ޕެލިސްޓްރީ ވަނީ އޭގެ އިރުކޮޅެއްފަހުން ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 70 ވަނަ މިނެޓްގައި ވެލްވާޑޭ ވަނީ ވަރަށް ރީތި ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ކީޕަރު އަޓީ ޒިގީ ވަނީ މި ހަމަލާ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ހަމަ އޭގެ އިރުކޮޅެއްފަހުން އަނެއްކޮޅުން ގާނާގެ ކުޑޫސްވެސް ވަނީ ހަމަލާ އެއް ފޮނުވާލާފައެވެ. ނަމަވެސް މި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

މެޗުގެ 80 ވަނަ މިނެޓްގައި ގާނާއަށްވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއްލިބިފައެވެ. ނަމަވެސް ސެމެންޔޯ ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުނުވެ ބޭރުވެފައެވެ.

އިތުރު ވަގުތުގައިވެސް އުރުގުއާއީން ވަނީ ގޯލެއް ޖެހުމާއި ވަރަށް ކައިރި ކޮށްފައެވެ.

މި މެޗުގައި ގާނާ އިން ވަނީ އުރުގުއާއީ ގެ ގޯލަށް 6 ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން 3 ހަމަލާ ވަނީ އަމާޒަށް ސީދާވެފައެވެ. އަދި އުރުގުއާއީ އިން 8 ހަމަލާ ފޮނުވާލާފައި ވާއިރު 4 ހަމަލާ ވަނީ އަމާޒަށް ސީދާވެފައެވެ. މެޗުގައި ގާނާއަށް 4 ކޯނަރު ލިބިފައިވާއިރު އުރުގުއާއީއަށް ލިބިފައިވަނީ 1 ކޯނަރެވެ.

އުރުގުއާއީން ފުރަތަމަ މެޗުގައި ބައްދަލުކުރީ ދެކުނު ކޮރެއާ އާއެވެ. މި މެޗު ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ދެވަނަ މެޗުގައި ޕޯޗުގަލްއާއި ބައްދަލުކޮށް އުރުގުއާއީ ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ގާނާ މުބާރާތުގައި ފުރަތަމަ ބައްދަލުކުރީ ޕޯޗުގަލް އާއެވެ. އެމެޗުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ޕޯޗުގަލްއެވެ. އަދި ދެވަނަ މެޗުގައި ދެކުނު ކޮރެއާއާއި ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.