ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ޕޯޗުގަލް ބަލިކޮށް ކޮރެއާ އިން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މި މެޗަށް ނިކުތްއިރު ޕޯޗުގަލް އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ފުރަތަމަ މެޗުގައި ޕޯޗުގަލް މޮޅުވީ ގާނާއާ ބައްދަލުކޮށް 3-2 އިން ކަމަށްވާއިރު ދެވަނަ މެޗުގައި އުރުގުއޭ އަތުން ޕޯޗުގަލް މޮޅުވީ 2-0 އިންނެވެ. ދެކުނު ކޮރެޔާގެ ފުރަތަމަ މެޗުގައި އުރުގުއޭއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުން ގާނާ އަތުން ވަނީ 3-2 އިން ބަލިވެފަ އެވެ.

ޕޯޗުގަލް އާއި ކޮރެޔާ މީގެކުރިން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކަމަށްވާއިރު އެފަހަރު ކޮރެޔާ އިން ވަނީ ޕޯޗުގަލް ބަލިކޮށްފަ އެވެ.

ގަތަރުގެ އެޑިއުކޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮރެއާ އިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޕޯޗުގަލް ޓީމުން އައީ ޓީމު ކުރިއަށް ޖައްސައިގެން ކޮރެއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މި މެޗުގެ ފަސް ވަނަ މިނެޓުގައި ޕޯޗުގަލް އިން ލީޑު ނެގިއެވެ. މިއީ ޑިއާގޯ ޑަލޮޓް ނަގައިދިން ހުރަހަކުން ޕޯޗުގަލްގެ ރިކާޑޯ ހޯޓާ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ހަމަލާއެކެވެ. މި ގޯލަށް ފަހު ވެސް ޕޯޗުގަލް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ މެޗުގެ 17 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާ ކޮރެއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ކޮރެއާ އިން ކުޅުން ރަނގަޅުކޮށް މެޗުގެ 27 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ކޮރެއާއަށް ލިބުނު ކޯނަރެއްގެ ފައިދާ ނަގާ ރޮނަލްޑޯގެ ގައިގައި ޖެހިފައި އައި ބޯޅައަކުން ކޮރެއާގެ ޔަންގް ވޮން ކިމް ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅައެކެވެ.

ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ޕޯޗުގަލްގެ ޖާއޯ ކެންސެލޯ ފޮނުވާލި ހަމަލާ ކޮރެއާގެ ކީޕަރު ދިފާއު ކުރިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އައިއިރު ކޮރެއާގެ އެންމެ އިތުބާރު ކުޅުންތެރިޔާ ހުއި މިން ސަން ވަނީ ޕޯޗުގަލް ކޮޅަށް ނިރައްކާ ކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ސަން ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ޑިއާގޯ ޑަލޮޓް ވަނީ ބްލޮކް ކޮށްފައެވެ. ދެވަނަ ހާފުގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނީ ކޮރެއާގެ ޗޯ ގުއި ސަންގްއަށެވެ. މެޗުގެ 66 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ކޮރެއާ އިން އެޓީމުގެ އެންމެ މުހިއްމު ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ދެވަނަަ މިނެޓުގައެވެ. މިއީ ސަން މެދު ރޮނގު ކައިރިން ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރެއަށް ނަގައިދިން ޕާހަކުން ހީޗަން ގޯލުގެ ތިރީ ކަނަށް ފޮނުވާލި ހަމަލާއެކެވެ. އިތުރު ވަގުތު ހަ މިނެޓު ކުޅުނު އިރު ކޮރެއާ އިން މެޗު ނިންމާލީ ރަނގަޅަށް ޑިފެންސް ކޮށްގެންނެވެ.

ޕޯޗުގަލް އާއި ކޮރެޔާ މީގެކުރިން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކަމަށްވާއިރު އެފަހަރު ކޮރެޔާ އިން ވަނީ ޕޯޗުގަލް ބަލިކޮށްފަ އެވެ.

އެންމެފަހުން ބޭއްވި ދެ ވޯލްޑް ކަޕުން ވެސް ދެކުނު ކޮރެޔާ ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުން ކަމަށްވާއިރު އެޓީމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ އެންމެފަހުން ދެވިފައިވަނީ 2010 ވަނަ އަހަރު އެވެ.l