ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ ސުވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗު 3-2ގެ ނަތީޖާއަކުން ސުވިޒަލޭންޑް ކާމިޔާބު ކޮށްފިއެވެ. މި ނަތީޖާއާއި އެކީ ސުވިޒަލޭންޑް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައެވެ. އަދި ސާބިއާ ވަނީ މުބާރާތުން އަލްވަދާއު ކިޔާފައެވެ.

މި ނަތީޖާއާއި އެކީ މިވަގުތު ސުވިޒަލޭންޑް އޮތީ ހަ ޕޮއިންޓާއި އެކީ ތާވަލުގެ ދެވަނައިގައެވެ. އަދި އެއް ޕޮއިންޓާއި މައިނަސް ތިން ގޯލާއި އެކީ ސާބިއާ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. މި ގްރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ 7 ޕޮއިންޓާއި އެކީ ބްރެޒިލްއެވެ.

ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މިމެޗު ފެށިގެން 25 ވަނަ ސިކުންތުގައި ސުވިޒަލޭންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އެޓިމުން ފޮނުވާލި ހަމަލާއެއް އެއްފަހަރު ސާބިއާގެ ކީޕަރު ދިފާއު ކޮށްފައިވާއިރު، ދެވަނަ ފަހަރަށް އެ ޓީމުން ފޮނުވާލި ހަމަލާ ވަނީ ޑިފެންޑަރެއްގެ ގައިގައި ޖެހިފައެވެ.

ސުވިޒަލޭންޑުގެ މިހަމަލާއަށްފަހު، ސާބިއާއިން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް މެޗުގެ 10 ވަނަ މިނެޓުގައި ސުވިޒަލޭންޑް ކޮޅަށް ފޮނުވާލާފައެވެ. މި ހަމަލާ އަމާޒުވެފައިވަނީ ސުވިޒަލޭންޑުގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ސުވިޒަލޭންޑުން ލީޑު ނަގާފައިވަނީ އެޓީމުގެ ޒާޑަން ޝަގީރީ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިން އެތެރެ ވެގެންނެވެ. ސުވިޒަލޭންޑުން މި ގޯލު ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ 25 ވަނަ މިނެޓާއި ހަމައަށް އެ ޓީމުން ވަނީ ސާބިއާގެ ކޮޅަށް 6 ހަމަލާ އުފައްދާފައެވެ.

ސުވިޒަލޭންޑާއި ސާބިއާ ބައްދަލު ކުރި މެޗުގެ ތެރެއިން ސުވިޒަލޭންޑް ކުޅުންތެރިން އުފާ ފާޅު ކުރަނީ-- ފޮޓޯ: ގެޓި އިމޭޖެސް

މެޗުގެ 26 ވަނަ މިނެޓުގައި ސާބިއާއަށް ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ އެޓީމުގެ ނުވަ ނަންބަރު އެލެކްސެންޑްރާ މިޓްރޮވިޗްއެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ޑުސަން ޓެޑިކް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ޖައްސައިގެންނެވެ.

ވަރުގަދަ ކުޅުމަކަށްފަހު، ސާބިއާއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސުވިޒަލޭންޑުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑޫސަން ލަހޮވިޗްއެވެ.

ސާބިއާގެ ގޯލު ކާމިޔާބު ކޮށްދިން ލަހޮވިޗް-- ފޮޓޯ: ގެޓީ އިމޭޖެސް

ސާބިއާގެ މި ގޯލަށްފަހު، އެޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ސުވިޒަލޭންޑުން ވަނީ މެޗުގެ 43 ވަނަ މިނެޓުގައި ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ސުވިޒަލޭންޑަށް މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ ސިލްވަން ވިޑްމަރ ހުރަސްކޮށް ދިން ބޯޅައަކުން ބްރީލް އެމްބޯލޯއެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން މާ ގިނައިރުތަކެއް ނުވަނީ ސުވިޒަލޭންޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. ރީތި ކުޅުމަކަށްފަހު، މި ލަނޑު އެޓީމަށް ޖަހާ ދީފައިވަނީ ރެމޯ ފްރުއެލާއެވެ. ސުވިޒަލޭންޑުގެ މި ގޯލާއި އެކީ ސާބިއާގެ ކުޅުންތެރިންނަށް ވަނީ އެޓީމު އޮތް ހިސާބުން ޕްރެޝަރަށް ވެއްޓިފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ސުވިޒަލޭންޑަށް ވަނީ އިތުރު ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ އެމްބޯލޯ ފޮނުވާލި ބޯޅަށް ގޮސްފައިވަނީ ގޯލާއި މާ މަތިންނެވެ.

ސުވިޒަލޭންޑާއި ސާބިއާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ 60 ވަނަ މިނެޓުގައި ސުވިޒަލޭންޑުގެ ކުޅުންތެރިއަކު އެ ގޯލުގެ އޭރިއާ ތެރެއިން ފައުލެއް ކުރިކަމަށް ބުނެ، ސާބިއާގެ ކުޅުންތެރިން ވަނީ ހަމަނުޖެހުން ވެސް ހިންގާފައެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.

ސުވިޒަލޭންޑުން މެޗުގެ ލީޑު ނެގުމާއި އެކީ ސާބިއާގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފައެވެ. އެގޮތުން މިސްޕާސް ދިނުމާއި ފައުލް ކުރުން ވަނީ މެޗުގައި އިތުރުވާން ފަށާފައެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތު ދެ ޓީމުގެ ކުޅުންތެރިން ވަނީ ހަމަނުޖެހުން ވެސް ހިންގާފައެވެ.

މި މެޗުގައި މުޅިއަކު 10 ރީނދޫ ކާޑު ވަނީ ދައްކާފައެވެ. އޭގެ ތެރެއިން ހަ ކާޑު ސާބިއާގެ ކުޅުންތެރިންނަށް ވަނީ ދައްކާފައެވެ.

ސުވިޒަލޭންޑާއި ސާބިއާ ބައްދަލު ކުރި މެޗުގެ ތެރެއިން ސާބިއާގެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކަނީ-- ފޮޓޯ: ގެޓި އިމޭޖެސް

މިއީ މި ދެޓީމުން ވޯލްޑް ކަޕެއްގައި ބައްދަލު ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވެސް މި ދެޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލު ކޮށްފައިވާއިރު، ސުވިޒަލޭންޑުން ވަނީ އެ މެޗު 2-1 ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

ސާބިއާއިން އެ ނަމުގައި މިހާތަނަށް ދެ ފަހަރު ވޯލްޑް ކަޕުގައި ބައިވެރިވެފައިވާއިރު، 2010 ވަނަ އަހަރާއި 2018 ގައި ކުޅުނު މުބާރާތުގައި އެޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. ސުވިޒަލޭންޑަށް ބަލާއިރު، އެޓީމުން ވަނީ 11 ފަހަރު ވޯލްޑް ކަޕުގައި ކުޅެފައެވެ. އޭގެ ތެރެއިން ހަތަރު ފަހަރު ދެވަނަ ބުރަށް ގޮސްފައިވާއިރު، ތިން މުބާރާތެއްގައި ކުއާޓާ ފައިނަލާއި ހަމައަށް އެޓީމު ވަނީ ދަތުރު ކޮށްފައެވެ.