ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ގާނާ ކެޓުމުން އުމުރުން 47 އަހަރުގެ ތަޖުރިބާކާރު ކޯޗް އޮޓޯ އައްޑޯ މަގާމުން އިސްތިއުފާ ދީފިއެވެ.

ގާނާ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-2 އިން ބަލިވެފައެވެ. ދެ ވަނަ މެޗުގައި ދެކުނު ކޮރެއާ އަތުން 3-2 އިން މޮޅެއް ހޯދި ނަމަވެސް، އެންމެ ފަހު މެޗުގައި ރޭ އުރުގުއޭ އަތުން 2-0 އިން ބަލިވެ ކެޓީ އެވެ.

ރޭގެ މެޗަށް ފަހު އޮއްޑޯ ވާހަކަ ދައްކަމުން ބުނީ މީގެ ކުރިން ވެސް އޭނާ އިސްތިއުފާ ދޭނެ ވާހަކަ ބުނެފައިވާނެ ކަމަށާއި މިއީ ގާނާ ޓީމަށް ކޯޗު ކަން ކޮށްދޭނެ ފަހު މުބާރާތް ކަމަށް ވެސް ބުނެފައިވާނެ ކަމަށެވެ.

އައްޑޯ އަކީ ޖަރުމަނަށް އުފަން ގާނާގެ ރައްޔިތަކަށްވުމާއެކު އޭނާގެ އާއިލާ އިން އޭނާގެ މުސްތަގުބަލުގެ ގޮތުގައި ދެކެނީ ޖަރުމަނު ކަމަށް ވެސް އައްޑޯ ވަނީ ބުނެފައެވެ. އަދި އޭނާ ބުނީ މުބާރާތުން ކެޓި ނަމަވެސް ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް މެޗުތަކުގައި ފެނިފައިވާ ކަމަށާއި އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަމުން އައީ، އަހަރެމެން ވޯލްޑް ކަޕަށް ކޮލިފައި ވިއަސް، މުބާރާތަށް ފަހު އަހަރެން އިސްތިއުފާ ދޭނެ ވާހަކަ. މިއީ ގާނާގެ ފުޓުބޯޅައަށް އައި ދެރަ ދުވަހެއް. މިއަދު މި ލިބުނު މި ނާކާމިޔާބުން އަހަރެމެންގެ ކުރިމަގަށް ފިލާވަޅު ލިބިގަންނާނެ ކަމަށް އަހަރެން ޔަގީން ކުރަން،" އައްޑޯ ބުންޏެވެ.

އައްޑޯ އަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ވެސްމެއެވެ. ކްލަބް ކެރިއަރުގައި ޖަރުމަނުގެ މަޝްހޫރު ބްރޫޝިއާ ޑޯޓްމަންޓާއި ހެމްބާގަށް ވެސް އޭނާ ވަނީ ކުޅެފައެވެ. ޑޯޓްމަންޑާއެކު 2002 ގެ ޖަރުމަނު ލީގު ހޯދި ކުޅުންތެރިޔާއަށް ކުރިއަށް ދިއުމަށް އެންމެ ބޮޑު ހުރަހަކަށްވީ އަނިޔާގެ މައްސަލައެވެ. އައްޑޯ ވަނީ ގައުމީ ޓީމަށް ވެސް 7 އަހަރު ކުޅެފައެވެ. 2000 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އާއި 2006 ގެ ވޯލްޑްކަޕްގައި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ.

ކުޅުން ހުއްޓާލުމަށްފަހު، އައްޑޯ ކޯޗިންގ ކެރިއަރު ފެށީ 2009 ވަނަ އަހަރު ކުރީގެ ކްލަބް ހެމްބާގާއިންނެވެ. މީގެ ކުރިން ގާނާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ އަޑޫ ގައުމީ ޓީމު ކޯޗުގެ މަގާމާ ހަވާލުވީ މި އަހަރުގެ ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ގާނާ ޓީމު 11 މެޗު ކުޅެފައިވާއިރު، މެޗަކަށް ޖެހޭ އެވްރެޖް ޕޮއިންޓަކީ 1.50 އެވެ. އޭނާ މި ވަގުތު އަންނަނީ ބްރޫޝިއާ ޑޯޓްމުންޑްގެ ޓްރެއިނަރ ސްކައުޓެއްގެ ވަޒީފާ ވެސް އަދާކުރަމުންނެވެ.