ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ މެޗުތައް މިރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތަކަށްވާއިރު، މެޗުތަކުން ބަލިވާ ޓީމުތައް މުބާރާތުން ކަޓާނެއެވެ. ގިނަ އަހަރުތަކަކަށް ފަހު ބައެއް ޓީމުތައް މި ރައުންޑަށް ދަތުރުކޮށްފާވާއިރު، މި ބަލާލަނީ މިއަހަރުގެ ގަދަ 16 ޓީމުތަކާއި މެޗުތައް ކުޅޭނެ ވަގުތުތަކާއި ޓީމުތަކަށެވެ.

ޖުމުލަ 32 ޓީމާއެކު ފެށި މި މުބާރާތުން 16 ޓީމެއް ކަޓާފައިވާއިރު 16 ޓީމު ވަނީ ނޮކްއައުޓް ސްޓޭޖަށް ދަތުރު ކޮށްފައެވެ.

ޑިސެމްބަރު 3

  • ނެދަލެންޑްސް - އެމެރިކާ: މިރޭ 20:00، ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި.
  • އާޖެންޓީނާ - އޮސްޓްރޭލިއާ: މިރޭ 00:00، އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި.

ޑިސެމްބަރު 4

  • ފަރާންސް - ޕޮލެންޑް: 20:00، އަލް ތުމާމާ ސްޓޭޑިއަމްގައި
  • އިންގްލެންޑް - ސެނެގާލް: 00:00، އަލް ބައިތު ސްޓޭޑިއަމްގައި

ޑިސެމްބަރު 5

  • ޖަޕާން - ކްރޮއޭޝިއާ: 20:00، އަލް ޖަނޫބް ސްޓޭޑިއަމްގައި
  • ބްރެޒިލް - ދެކުނު ކޮރެއާ: 00:00، ސްޓޭޑިއަމް 974 ގައި

ޑިސެމްބަރު 6

  • މޮރޮކޯ - ސްޕެއިން: 20:00، އެޑިއުކޭޝަން ސްޓޭޑިއަމްގައި
  • ޕޯޗުގަލް - ސްވިޒަލޭންޑް: 00:00، ލުސައިލް ސްޓޭޑިއަމްގައި

ނެދަލެންޑްސް އާއި އެމެރިކާ މިރޭ ބައްދަލު ކުރާއިރު، ނެދަލެންޑްސް ދެވަނަ ބުރަށް ގޮސްފައި ވަނީ ގުރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައެވެ. އަދި އެމެރިކާ ދެވަނަ ބުރަށް ގޮސްފައިވަނީ އިންގްލެންޑުގެ ފަހަތުން ގުރޫޕް ބީ ގެ ދެވަނަ ހޯދައިގެންނެވެ.

ގުރޫޕް ސްޓޭޖުގައި ނެދަލެންޑްސް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ގަތަރާއި ސެނެގާލް ކައިރިން މޮޅުވެ 1-1 ގެ ނަތީޖާއަކުން އިކުއެޑޯއާ އެއްވަރުވެފައެވެ.

މިފަހަރުގެ ވޯލްޑްކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދުމާއެކު ނެދަލެންޑްސް މިވަނީ 1934 ވަނަ އަހަރުއްސުރެ މުބާރާތަށް ކޮލިފައިވި ކޮންމެ ފަހަރަކު ގަދަ 16 އިން ޖާގަ ހޯދަމުން ދިއުމުގެ ރިކޯޑް ދަމަހައްޓައިފައެވެ. އަދި ފާއިތުވި 32 އަހަރުގެ ތެރޭގައި އެމީހުން ގަދަ 16 އިން ކަޓާފައިވަނީ އެންމެ ދެ ފަހަރުއެވެ. އެއީ 1990 ވަނަ އަހަރާއި 2006 ވަނަ އަހަރުއެވެ.

އެމެރިކާ ވެސް ވަނީ 2010 އަދި 2014 ވަނަ އަހަރު ގަދަ 16 އަށް ގޮސްފައެވެ. ނަމަވެސް ދެ ފަހަރުވެސް އެއަށްވުރެ ކުރިއަށް ދެވޭ ގޮތެއް ނުވެއެވެ. އެންމެ ފަހުން އެމެރިކާއަށް މުބާރާތުގައި އެއަށް ވުރެ ކުރިއަށް ދެވިފައިވަނީ 2002 ވަނަ އަހަރުއެވެ. އެ ފަހަރު އެމީހުން ވަނީ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ.

މި މެޗުތަކުން މޮޅުވާ ޓީމުތައް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާނެއެވެ. ކުއާޓާ ފައިނަލްގެ މެޗުތައް ފެށޭނީ މި މަހު 9 ވަނަ ދުވަހުއެވެ.