މިފަހަރުގެ ވޯލްޑްކަޕްގެ ގަދަ 16 ގެ ފުރަތަމަ މެޗަށް ނެދަލެންޑްސް މިރޭ އެމެރިކާއާއި ދެކޮޅަށް ނުކުންނައިރު, ނުކުންނާނީ އެމެރިކާއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ކަމަށް ނެދަލެންޑްސްގެ ކޯޗު ލުއީ ވަން ގާލް ބުނެފިއެވެ.

ވަން ގާލް އެމެރިކާގެ ޓީމު ސިފަ ކޮށްފައިވަނީ ވަރަށް ވަރުގަދަ އިދިކޮޅު ޓީމެއްގެ ގޮތުގައެވެ.

"އެމެރިކާގެ ޓީމަކީ ވަރުގަދަ ޓީމެއްކަން އެމީހުން ވަނީ ދައްކައިދީފަ. އަހަރެން ބުނާނީ އެމީހުންނަކީ ހަމަ އެންމެ މޮޅު އެއް ޓީމޭ. އެކަމަކު އަހަރެމެންނަށް އެމީހުން ކައިރިން މޮޅުވެވޭނެ." މިރޭ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އޮންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނެފައިވެއެވެ.

އޭނާ ބުނީ، އެމެރިކާ ޓީމުގެ ކުޅުންތެރިންނަކީ ހަކަތަ ވަރުގަދަ ކުޅުންތެރިންތަކެއް ކަމަށާއި އެމީހުންނަކީ ޖިސްމާނީ ގޮތުން ވެސް ވަރުގަދަ ކުޅުންތެރިންތަކެއް ކަމަށެވެ. "އެކަހަލަ ޓީމަކާއި ކުޅުމަކީ ވަރަށް އުނދަގޫކަމެއް. އެކަން އެނގޭ އެމީހުންގެ ނަތީޖާތަކުން ވެސް. އެކަމަކު އަހަރެމެންގެ އަމާޒަކީ މިމެޗުން އެމެރިކާ ބަލިކޮށް މޮޅުވާން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން." ކޯޗު ބުނެފައިވެއެވެ.

ނެދަލެންޑްސް ދެވަނަ ބުރަށް ގޮސްފައިވަނީ ގުރޫޕް އޭ ގެ އެއްވަނައިގައި އޮވެގެންނެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގެ ތިން މެޗުގައިވެސް ނެދަލެންޑްސްއަށް ލަނޑު ކާމިޔާބުކޮށްދިން ކޮޑީ ގަކްޕޯ ފިޔަވައި ދެން ތިބި ކުޅުންތެރިންނަށް އެމީހުންގެ އެންމެ ފުރިހަމަ ކުޅުން ދެއްކިފައިނުވާ ކަމަށް ގިނަ މީހުން ބުނެއެވެ.

ނަމަވެސް ކޯޗު ވަން ގާލް މި ވާހަކަތައް ގަބޫލެއް ނުކުރެއެވެ.

"އަހަރެމެން މި މުބާރާތަށް ކުރިމަތިލިއިރު އެންމެ ފިޓް ނޫން ވަރަށް ގިނަ ކުޅުންތެރިން ސްކޮޑްގައި ތިބި . އެކަމަކު އެ ހުރިހާ ކުޅުންތެރިން ވެސް ވަނީ މި މުބާރާތުގައި ކުޅެފައި އަދި ގުރޫޕް ސްޓޭޖު ފަހަނައަޅައި އައިސްފައިމިވަނީ ފުދޭވަރަކަށް ފަސޭހަކަމާއެކީގައި." ކޯޗު ބުނެފައިވެއެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ބައްދަލުކުރަންޖެހޭނީ އާޖެންޓީނާ ނުވަތަ އޮސްޓްރޭލިއާ އާއެވެ. މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:00 ގައެވެ.