ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ 2-1 އިން ބަލިކޮށް އާޖެންޓީނާ މުބާރާތުގެ ދެވަނަ ބުރަށް ގޮސްފިއެވެ.

މި ދެޓީމުން ދެވަނަ ބުރަށް ދިޔަ ގޮތަށް ބަލާއިރު، އާޖެންޓީނާ ހިމެނުނީ ޕޮލަންޑް، ސައޫދީ އަރަބިއާ އާއި މެކްސިކޯއާއެކު ގުރޫޕް ސީގައެވެ. އާޖެންޓީނާއިން ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމުން ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިގެން ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އޮސްޓްރޭލިއާއަށް ބަލާއިރު، އެޓީމު ހިމެނުނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި ޓިއުނީޝިއާ އަދި ޑެންމާކް އާއި އެކު ގުރޫޕް ޑީގައެވެ. އޮސްޓްރޭލިއާއިން ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު، އެޓީމުން ވަނީ ދެމެޗުން މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން އޮސްޓްރޭލިއާއަށް ދެވަނަ ބުރުން ފުރުޞަތު ލިބުނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިގެން ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިރޭ ޤަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އޮސްޓްރޭލިއާ އިންނެވެ. އާޖެންޓީނާ ބޮޑަށް ފަހަތަށް ޖައްސައިގެން ކުޅެ އެޓީމުން ވަނީ އޮސްޓްރޭލިއާ އަތުން ބޯޅަ ހޯދަން އުޅުނު މަންޒަރެވެ. ފުރަތަމަ ހާފުގެ 20 މިނެޓު ކުޅެވުނު އިރު ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ 29 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ފުރަތަމަ ނުރައްކާ އުފެއްދީ ލިބުނު ކޯނަރަކުންނެވެ. ރިލޭ މެކްގްރީ ނަގައިދިން ކޯނަރުން އޮސްޓްރޭލިއާގެ ހެރީ ސައުއްޓާ ބޮލުން ފޮނުވާލި ހަމަލާ އާޖެންޓީނަގެ ކްރިސްޓަން ރޮމޭރޯ ވަނީ ބްލޮކް ކޮށްފައެވެ.

މިރޭގެ މެޗަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޕްރެފެޝަނަލް ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗެވެ. މިއީ މެސީއަށް ހާއްސަ މެޗަކަށްވާއިރު މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ މެސީއެވެ. މިއީ ނިކޮލަސް އޮޓަމެންޑީ ދިން ޕާހަކުން މެސީ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅައިން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި 9 ގޯލު ޖަހާ ޑިއާގޯ މެރެޑޯނާގެ ރެކޯޑް މުގުރާލައިފައެވެ. މި ގޯލަށް ފަހު އޮސްޓްރޭލިއާ އިން ކުޅުން ރަނގަޅުކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިންނެވެ.

ދެވަނަ ހާފު އާޖެންޓީނާ އިން ފެށީ ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ވަރުގަދަ ފޯމެއްގައެވެ. މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފުޓުބޯޅައިގެ ރަސްގެފާނު މެޗުގެ 47 ވަނަ މޮނެޓުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާ އޮސްޓްރޭލިއާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. އާޖެންޓީނާ އިން ލީޑު ފުޅާ ކުރީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މިއީ އޮސްޓްރޭލިއާގެ ކީޕަރު މަތިއު ރަޔަން އަތުން ބޯޅަ ހޯދުމަށްފަހު ހޫލިއަން އަލްވަރޭޒް ހަމަޖެހިލައިފައި ގޯލަށް ފޮނުވާލި ހަމަލާއެކެވެ. މި ގޯލަށް ފަހު ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާޖެންޓީނާ އިން ވަނީ ގިނަ ޕާސްތަކެއް ޖަހާފައެވެ. މެޗުގެ 65 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ފަރަގު ކުޑް ކުރުމަށް ފުރުސަތު ލިބުނު ނަމަވެސް، އާރުން މޫއީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރުމަތީ ދަނޑި ކައިރިން ބޭރަށެވެ.

އާޖެންޓީނާއިން ދެ ގޯލުގެ ލީޑަކާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަނިކޮށް އޮސްޓްރޭލިއާގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ކްރެއިގް ގުޑްވިން ފޮނުވާލި ހަމަލާ ބްލޮކް ކުރަން އުޅުމުގެ ތެރެއިން އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދުނު ގޯލެކެވެ. މެޗުގެ 82 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ އަޒީޒް ބެހިޗް އާޖެންޓީނާގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ހަމަލާ ފޮނުވާލަން އުޅެނިކޮށް އާޖެންޓީނާގެ ލިސާންދްރޯ މާޓިނޭޒް ވަނީ ބްލޮކް ކޮށްފައެވެ. އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒްއަށް ވަނީ އާޖެންޓީނާގެ ތިން ވަނަ ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މެސީ ހުސްކޮށް ހުރި މާޓިނޭޒްއަށް ބޯޅަ ދިނުމުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އިތުރު ވަގުތު ހަތް މިނެޓު ކުޅެވުނު އިރު މެސީ ވަނީ އޮސްޓްރޭލިއާގެ ކޮޅަށް ނުރައްކާކޮށް ގޯލު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކޮށްދީފައެވެ. މެޗު ނިމެން 40 ސިކުންތަށް ވެފައި އޮސްޓްރޭލިއާއަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތު ލިބުނު ނަމަވެސް ގަރަންގް ކޯލް އުފެއްދި ހަމަލާ އާޖެންޓީނާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. ކުއާޓާ ފައިނަލްގައި އާޖެންޓީނާ ބައްދަލު ކުރާނީ ނެދަލެންޑްސްއާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢާހުމަދު

    ﷲ އަކްބަރު.މީ މުސްލިމުންނަށް އެހީވާ ގައުމުތަކަށް ވެސް ބައްލަވާ ވޮޑިގެން ވާނެ ކަމުގެ ހެކި

  2. ލޯބިވާ ވަޠަން

    ކްެރިކެޓް ކުޅޭ ބައެއްގެ އަތުން އެވެސް 2-1 ން މޮޅުވުން ތީ ލައްކަ ބޮޑުވަރު.

    2
    5
  3. ދފދފދފދފދޒ

    މޮޅުވީމަ މޮޅުވީ 1-0 ވިޔަސް