ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ސެނެގާލް އިންގްލެންޑާ ދެކޮޅަށް ނުކުންނަ އިރު ސެނެގާލްގެ ކޯޗު އަލިއޫ ސިސޭ އުުޅެނީ ބަލިވެ ކަމަށް ބުނެފިއެވެ.

ކުރިން ބާމިންގްހަމަށާއި ޕޯޓްސްމައުތު އަށް ވެސް ކުޅެފައިވާ ސިސޭ ވަނީ ސެނެގާލްގެ ޓީމު ވޯލްޑްކަޕްގެ ދެވަނަ ބުރަށް ގެންގޮސްދިނުމުގެ ކުރިން އެ ޓީމަށް މިއަހަރުގެ އެފްރިކަން ކަޕް ވެސް ހޯދައިދީފައެވެ.

އުމުރުން 46 އަހަރުގެ ސިސޭ ބަލިކޮށް އުޅޭތީ މިރޭގެ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެފައެއް ނުވެއެވެ. އަދި އޭގެ ކުރީ ދުވަހު އޮތް ތަމްރީނުތަކުގައިވެސް ސިސޭ ބައިވެރިވެފައި ނުވާކަމަށް ވެއެވެ.

"ސިސޭ ބަލިކޮށް އުޅޭތާ މިހާރު ކުޑަ ދުވަސްކޮޅެއްވެއްޖެ." ސިސޭގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ސެނެގާލްގެ އެސިސްޓެންޓް ކޯޗު ރެގިސް ބޮގާޓް ބުނެފައިވެއެވެ.

" އިއްޔެ ޓްރެއިނިންގްވެސް ކުރިއަށް ގެންދިޔައީ އަހަރުމެން، އެކަމަކު ސިސޭގެ އިރުޝާދުގެ ދަށުން. އަހަރެމެން އުންމީދުކުރަނީ މެޗު ފެށެންވާއިރު ކޯޗު އިންނާނީ އަހަރެމެންނާއެކު ބެންޗުގައި ކަމަށް."

"ސިސޭ އުޅެނީ ބަލިވެކަން އަހަރެން ޔަގީންކޮށްދެން. އޭނާ އުޅެނީ ހުންވެސް އައިސްގެން. އެހެންވީމަ އަހަރެމެން އޭނާގެ ހާލަތާއިމެދު ވަރަށް ވިސްނައިގެން މި އުޅެނީ."

މިރޭގެ މެޗުން ކޯޗު ސިސޭ ފެންނާނެކަމުގެ ޔަގީންކަން ނެތަސް ޓީމު އޮތީ ތައްޔާރަށް ކަމަށް ބޮގާޓް ވަނީ ބުނެފައެވެ.

" އަހަރެމެން މި ތިބީ ވަރަށް ހަމަޖެހިގެން އިތުބާރާއިއެކު. އަހަރެމެންނަށް އެނގޭ ސެނެގާލަށް އިންގްލެންޑް ބަލިކުރެވިދާނެކަން. އަހަރެމެންގެ އަމާޒަކީ އެއީ." 2012 -2014 އަށް ސެނެގާލްގެ ޓީމަށް ކޯޗުކަންވެސް ކޮށްދީފައިވާ ބޮގާޓް ވަނީ ބުނެފައެވެ.

ސެނެގާލްގެ އެސިސްޓެންޓް ކޯޗު ރެގިސް ބޮގާޓް --- ފޮޓޯ: އޭއެފްޕީ

ސިސޭ ސެނެގާލްގެ ޓީމާ ހަވާލުވީ 2015 ވަނަ އަހަރުއެވެ. އޭނާއާއި އެކު 2018 ގެ ވޯލްޑްކަޕުގައި ސެނެގާލްއިންވަނީ ދެވަނަ ބުރާއި ވަރަށް ގާތްކޮށްފައެވެ. ޖަޕާނާއި ޕޮއިންޓާއި ގޯލްގެ ތަފާތާއި ގޯލުގެ ހުރިހާ ހިސާބެއް އެއްވަރުވެފައިވުމުން ފެއާ ޕްލޭއަށް ބަލާފައި ސެނެގާލްއަށް ވަނީ ގުރޫޕްގެ ތިންވަނައިގައި އޮވެ މުބާރާތް ނިންމާލަން ޖެހިފައެވެ.

" 4 އަހަރު ކުރިން އަހަރެމެން އެކަން ތަޖުރިބާ ކުރީ. އެކަމަކު ޓީމު މިއޮތީ އޭރަށް ވުރެ ކުރިއަށް ގޮސްފައި. އޭރު އަހަރެމެން ދަށްވެފަ އެފްރިކަން ކަޕްގެ ފައިނަލުން މޮޅުވީ. ޓީމު މިދަނީ އޭރުއްސުރެ ރަނގަޅުވެ ކުރިއަރަމުން." ބޮގާޓް ބުނެފައިވެއެވެ.

އޭނަ ބުނެފައިވަނީ ކޮންމެ ޓީމެއްގެ ކައިރިންވެސް މޮޅުވުމުގެ ހުނަރު އެފްރިކާގެ ޓީމުތަކުގައި އެބަހުރި ކަމަށާއި އެފްރިކާގެ ޓީމުތަކުން ހިތްވަރާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މިފަހަރަކީ ސެނެގާލް ވޯލްޑްކަަޕަށް ކޮލިފައިވި ތިން ފަހަރު ތެރޭން ގަދަ 16 އަށް ދަތުރުކުރި ދެވަނަ ފަހަރެވެ. 2002 ގައި އެމީހުން ވަނީ ކުއާޓާ ފައިނަލަށް ގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާމުންޑޭ

    އިނގިރޭސިން އަތުން ލާރިގަނޑެއް ނަގާފަ މެޗްދޫކޮށްލީބާ؟

    1
    2
  2. Anonymous

    އެއް ލޯބި އިނގިރޭސީންގެ މައްޗަށް މި މުސްލިމް ޤައުމަށް ކުރި ހޯދޭތޯ ހުރިހާ ދިވެހީންވެސް ދުޢާކުރައްވާ