ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ ކައިރިން ބަލިވެ ބްރެޒިލް މުބާރާތުން ކެޓުމުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ކްރޮއޭޝިއާ ކައިރިން ބްރެޒިލް ބަލިވެފައިވަނީ ޕެނެލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ. މި ބަލިން ލިބުނު ހިތްދަތިކަމުގައި ނޭމާ ރޮމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ.

"ނަފްސާނީގޮތުން އަހަރެން މުޅިން ހަލާކުވެއްޖެ." އިއްޔެ ނޭމާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. "މިއީ އަހަރެންނަށް އެންމެ ބޮޑު ހިތާމައެއް ދިން ބަލި. އެ މެޗަށްފަހު 10 މިނެޓްވަންދެން އަހަރެން ޕެރެލައިޒް ވެފައި ހުރި. އެ ބައްޔަށް ފަހު ހުއްޓާލަން އުނދަގޫވެ އަހަންނަށް ރޮވެމުން ދިޔަ." ނޭމާ ބުނެފައިވެއެވެ.

"މި ހިތާމަ ވަރަށް ގިނަ ދުވަހަށް ދެމިގެންދާނެ." ނޭމާ ބުނެފައިވެއެވެ.

ނޭމާގެ މި އިންސްޓަގްރާމް ޕޯސްޓަށް މިހާތަނަށް 19.2 މިލިއަނަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

ދެން އިތުރު ވޯލްޑްކަޕެއްގައި ބްރެޒިލްގެ ޓީމުން ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމުގައި އެރޭގެ މެޗަށްފަހު ނޭމާ ބުނެފައިވެއެވެ.

"ތެދަށް ބުނަންޏާ އަހަންނަކަށް ނޭނގޭ." އަދިވެސް ވޯލްޑްކަޕުގައި ފެންނާނެތޯ ސުވާލުކުރުމުން 30 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ބުނެފައިވެއެވެ.

ނޭމާގެ އިންސްޓަގްރާމް ޕޯސްޓަށް ކޮމެންޓް ކުރަމުން ބްރެޒިލްގެ ފުޓްބޯޅައިގެ ލެޖެންޑް ޕެލޭ ވަނީ އަދިވެސް "އިންސްޕިރޭޝަނެއްގެ ގޮތުގައި ކުރިއަށް ދިއުމަށް" ނޭމާއަށް ހިތްވަރުދީފައެވެ. އަދި ޕެލޭ ވަނީ އޭނާގެ ގޯލުގެ ރިކޯޑާއި އެއްވަރުކުރުމުން ނޭމާއަށް މަރުހަބާވެސް ކިޔާފައެވެ. 50 އަހަރުވަންދެން ވައްޓާނުލެވި އޮތް ރިކޯޑަކާއި ހަމައަށް އާދެވުނީ ނޭމާއަށް ކަމަށް ބުނެ ޕެލޭ ވަނީ ނޭމާއަށް ތައުރީފުކޮށްފައެވެ.

ކްރޮއޭޝިއާ އާއި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީ ބްރެޒިލްއަށް ލީޑު ނަގައިދިނީ ނޭމާއެވެ. އެ ގޯލާއެކު ނޭމާ ވަނީ ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޕެލޭގެ ރިކޯޑާއި އެއްވަރުކޮށްފައެވެ. ނަމަވެސް މެޗު ނިމެނިކޮށް ކްރޮއޭޝިއާ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރުމުން ޖެހުނީ ޕެނެލްޓީ ޖަހާށެވެ.

ބްރެޒިލްގެ މާކުއިނޯޒްގެ ޕެނެލްޓީ ނާކާމިޔާބު ވުމާއެކު ނޭމާ ވަނީ އޭނާގެ ކަރުނަތައް ކޮންޓްރޯލް ނުކުރެވިފައެވެ. ނޭމާ ހުރީ ބްރެޒިލްގެ ފަސްވަނަ ޕެނެލްޓީ ޖަހާށެވެ. ނަމަވެސް އޭނާގެ ކުރިން ޖެހި ކުޅުންތެރިންނަށް ޕެނެލްޓީ ކާމިޔާބު ނުކުރެވުމުން ނޭމާއަށް އެ ޕެނެލްޓީ ޖަހާނެ ފުރުސަތެއްވެސް ލިިބިފައެއް ނުވެއެވެ.