ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރި ފޯރިގަދަ މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އަށެވެ. އެކަމަކު، ފްރާންސްގެ ކުޅުންތެރިން ސަމާލުވާން ޖެހުނު އެއް ކުޅުންތެރިޔަކީ އާޖެންޓީނާގެ ގޯލް ކީަރު އެމިލިއާނޯ މާޓިނޭޒްއަށެވެ. އާޖެންޓީނާއަށް އުފުލާލެވުނު ތަށީގެ ފުރިހަމަ ތައުރީފު މާޓިނޭޒްއަށް ލިބުން ޙައްގު ކަމުގައި ފުޓްބޯޅައިގެ މާހިރުން ޝައްކެއް ނެތި ގަބޫލުކުރެއެވެ.

އެމްބާޕޭގެ ދެ ލަނޑަށް ފަހު، މާޓިނޭޒް ވަނީ އެހާ ހިސާބުން ފްރާންސް ސަޕޯޓަރުންގެ ހިތްތައް ރޮއްވާލާ ވަރުގެ ކުޅުމެއް ދައްކައިފައެވެ. 120 މިނެޓަށް ދިގު ދެމިގެންދިޔަ މެޗްގެ މޮޅުވާ ޓީމް ކަށަވަރުކުރުމަށްޓަކައި ޕެނަލްޓީއަކަށް ދިޔަ ހިސާބުން އޭނާ ވަނީ ފްރާންސްގެ ހުނަރުވެރި ކުޅުންތެރިންގެ ގޯލްތައް އާޖެންޓީނާގެ ގޯލަށް ވަނަ ނުދީ އާޖެންޓީނާއަށް 36 އަހަރު ފަހުން ވޯލްޑް ކަޕް ތަށި ހޯދައި ދީފައެވެ. ފުޓްބޯޅަ އެނަލައިޒް ކުރާ ތަޖްރިބާކާރުން ދެކޭ ގޮތުގައި މާޓިނޭޒް ވަނީ ގޯލް ބެލެހެއްޓުމުގައި އުކުޅުތައް ބޭނުންކޮށްފައެވެ.

މެޗް ފެށުނު ހިސާބުން ވެސް މާޓިނޭޒް ވަނީ ފައްސި އެޓިޓިއުޑްއެއް ދައްކާފައި ކަމަށާއި އެހެން ކުޅުންތެރިންނަށްވެސް މެޗުން ބަލިނުވާނެ ކަމުގެ ޔަގީންކަން އަރުވާފައިވާތީ އެކަމުގެ ހެޔޮ އަސަރު މުޅި ޓީމަށް ކޮށްފައިވާ ކަމުގައި އާޖެންޓީނާ ޓީމްއާއި ހަވާލުވެހުންނެވި ލިއޮނަލް ސްކަލޯނީ ބުނެފައިވެއެވެ.

ސްކަލޯނީ ބުނެފައިވާ ގޮތުގައި ޕެނަލްޓީތައް ރަނގަޅަށް ދިފާއުކުރާނެ ކަމަށް މާޓިނޭޒް ޓީމުގެ އެކުވެރިންގެ ގާތުގައި ބުނެފައިވެއެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި މާޓިނޭޒް ވަނީ މުޅި ޓީމަށް ޕޮޒިޓިވް ވިސްނުމެއް ފަތުރާފައެވެ" އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ޖަރމައިން ޖެނާސް ވެސް ކިޔައި ދިނެވެ.

އިންގްލެންޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުނީ ޕެނަލްޓީ ޝޫޓްއައުޓްގައި ވެސް މާޓިނޭޒް ހަރަކާތްތެރިވަމުން ދިޔައީ، ބޯޅަ ޖަހާ މީހާގެ ލޮލުގައި އަޅައިގަނެ، އެމީހެއްގެ ކޮންސަންޓްރޭޝަން ދަށްކުރުވުމަށް ކަމަށެވެ.

"ޕެނަލްޓީ ޝޫޓްއައުޓްގައި އަހަރެން މަސައްކަތްކުރީ ވީހާވެސް ހާސްކަން ކަނޑުވާލައިގެން ގޯލް ބަލަހައްޓަން. ހަމަޖެހިލައިގެން ހުރިހާ ކަމެއްވެސް ދިޔައީ އަހަރެން ބޭނުންވި ގޮތަށް،" އާދީއްތަ ދުވަހުގެ ފައިނަލަށް ފަހު މާޓިނޭޒް ބުންޏެވެ.

ނަތީޖާއެއްގެ ގޮތުން މާޓިނޭޒްއަށް ވަނީ މުބާރާތުގެ ގޯލްޑަން ގްލޯވް އެވޯޑް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިހާޔާ މ

    މުބާރާތް ކާމިޔާބުވެ ޖެންޕިޔަން ލިބުނީމަދައްކާވާހަކައެއްތީ ބަލިވިނަމަ ދައްކާނެވާހަކެއްނޯނާނެ އެހެންނަމަ ކުޅުމުގެ ކުރިން އެވާހަކަ ދައްކާވީނު ކޮބާ ފުރަމަ މެޗުން ބަލިވީމާ އެއްވެސް ވާހަކަ ނުދެއްކުނެނު ތިމަނެގެ މޮޅުވާހަކ ަ

    1
    1