ސައުތު އެފްރިކާގައި ކުއްތާތަކެއް ހަމަލާދީ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޒަމްބިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ފިލެމޮން މުލަލާ މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެކުނު އެފްރިކާގެ ލިޗެންބާގުގައި ދިރުއުޅެމުންދިޔަ މަޝްހޫރު ޒަމްބިއާގެ ކުޅުންތެރިޔާ ފިލެމޮން މުލަލާ މިދިޔަ އާދީއްތަ ދުވަހު ވަނީ މަރުވެފައެވެ، އޭނާ ގެންގުޅުނު ތިން ކުއްތާ ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.

ގޭގެ ބަގީޗާ ތެރޭގައި އުމުރުން 60 އަހަރުގެ ފިލެމޮން މުލަލާ މަރާލާފައި އޮއްވައި ފެނުނީ އޭނާގެ އަންހެނުންނަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލެމޮން މުލަލާއަށް ކުއްތާތައް ހަމަލާދިން ވަގުތު އޭނަގެ އަންހެނުންނަށް ކުއްތާ ގޮވާ އަޑު އިވުނެވެ، ނަމަވެސް ކުއްތާތައް ގޮވަނީ ކީއްވެގެންތޯ ބަލާލަން އޭނާ ނުދިޔައީ އެ ސަރަހައްދަކީ އާންމުކޮށް ކުއްތާ ގޮވާ ހަޅޭއްލަވާ ސަރަހައްދަކަށްވީމައެވެ.

އެވަގުތަކީ ގޭގައި ކަރަންޓުވެސް ނެތް ވަގުތެކެވެ. އެހެންކަމުން ކަރަންޓު ލިބުމާއެކު ފިރިމީހާ ކޮބައިތޯ ބަލާލިއެވެ. ފިލެމޮން މުލަލާ ނުފެނިގެން ހޯދަމުންދަނިކޮށް އޭނަގެ އަންހެނުންނަށް އޭނާ ފެނުނީ ބަގީޗާތެރޭ ވެއްޓިފައި އޮއްވާއެވެ،

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފިލެމޮން މުލަލާއަކީ ފުޓްބޯޅައިގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ.