މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު ކުރާކަމަށާއި ރަނގަޅު ނަތީޖާއެއް ނެރުމަށް ޓީމު އޮތީ ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު ސިޓީ އޮތީ އުނދަގޫ ޙާލަތެއްގަ އެވެ. މުހިންމު މެޗެއްގައި އެވަޓަންއާ އެއްވަަރުވެ މުހިންމު ދެ ޕޮއިންޓު ގެއްލުވާލިއިރު، ސައުތެމްޓަން އަތުން ބަލިވެ އެ ޓީމު ވަނީ ކަރަބާ ކަޕުން ކަޓައިފަ އެވެ. ގާޑިއޯލާ ބުނީ ސީޒަން ފެށިގެން އައި އިރު ސިޓީން ދައްކަމުން އައި ކުޅުން ދަށްވެދާނެ ކަމުގެ ބިރު ވެސް އޮތް އޭރު އޮތް ކަމަށެވެ. ސައުތެމްޓަން އަތުން ބަލިވުމުގެ ސުވާލު އަމާޒު ކުރުމުން ގާޑިއޯލާ ބުނީ، އެ ނަތީޖާ އަކީ އޭނާ ހައިރާންވާ ވަރުގެ ނަތީޖާއެއް ނޫން ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ވީ ބައްޔަށްފަހު ޔުނައިޓެޑުން ފެންނަނީ ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެެހެމުން އަންނަ މަންޒަރު ކަމަށެވެ. އޭނާ ބުނީ ސީޒަންގެ ކުރީ ކޮޅު އެ ޓީމު ދަށްކޮށް އޮތް ނަމަވެސް، މިހާރު ސިޓީއާ ހަތަރު ޕޮއިންޓު ކައިރިއަށް ޖެހިފައި އޮތުމަކީ ޔުނައިޓެޑާމެދު މާ ބޮޑަށް ވިސްނަން ޖެހޭނެ ސަބަބެއް ކަމަށެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ ނިމުނު ސީޒަަންގައި ޔުނައިޓެޑުގެ ކުޅުން ދަށްވީ އަމިއްލަ މައްސަލަތަކާ ހުރެ ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ޔުނައިޓެޑުގެ ވައްޓަފާޅީގައި ކުޅެމުން އަންނަ މަންޒަރު ކަމަށާއި، ހަތަރު ޕޮއިންޓު ފަހަތުގައި އޮތް އިރު، އަދިވެސް އަންނަނީ ދޫ ނުދީ ވާދަކުރަމުން ކަމަށެވެ. ޔުނައިޓެޑު އޮންނާނީ އެ ހިސާބުގައިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ އެކަމުން އޭނަ އަށް ހައިރާންކަމެއް ނުލިބޭ ކަމަށެވެ. އިތުރަށް ގާޑިއޯލާ ބުނީ ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް އުނދަގޫ ވަނީ އެކަހަލަ ވާދަވެރިކަން ލީގުގައި އޮންނާތީ ކަމަށެވެ.

އިތުރަށް ގާޑިއޯލާ ބުނީ ކުޅުންތެރިންނަށް އެމީހުން ތިބި ހިސާބާއި، ދާންވީ ހިސާބު ބުނެދޭން ހުރި މީހަކީ އޭނާ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ސިޓީގެ ކުޅުންތެރިންނަށް އޭނާ ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، ނަމަވެސް އުންމީދުތައް އެހާ އުހުގައި ނުގެންގުޅޭ ކަމަށެވެ. ގާޑިއޯލާ ބުނީ ކުުޅުންތެރިން އެމީހުންނަށް ގޯހެއް ހެދިއްޖެނަމަ، އެކަމުގެ ވާހަކަ ދައްކާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް ވެސް ވަރަށް މަސައްކަތް ކުރާ ކަމަށެވެ.

ސިޓީ އޮތީ ލީގުގައި ކުޅުނު 17 މެޗުން 39 ޕޮއިންޓާއެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި ނިއުކާސަލް ޔުނައިޓެޑު އޮތީ 18 މެޗުން 35 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް ޔުނައިޓެޑަށް ލިބެނީ 17 މެޗުން 35 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް، ގަދަ ތިނަކަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އެބަ އޮތެވެ.