މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ހިމެނޭ ގޮތަށް އަންނަ ޖޫން މަހު އެ ޓީމުން ބަންގްލަދޭޝްގައި މެޗެއް ކުޅެން ތައްޔާރަށް އޮތް ކަމަށް ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން (ބީއެފްއެފް) ގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވެއްޖެއެވެ.

"އާޖެންޓީނާ އިން ބުނީ 2023 ވަނަ އަހަރުގެ ޖޫން މަހު ފީފާ ވިންޑޯގައި ބަންގްލަދޭޝްއަށް ޒިޔާރަތް ކުރަން ބޭނުންވާ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވިއެވެ.

މުބާރާތް ބާއްވާ ތަނާ ބެހޭ ގޮތުން ސަލާހުއްދީން ވިދާޅުވީ މި މެޗު އޮންނާނީ ވެރިރަށް ބަންގްބަންދު ސްޓޭޑިއަމްގައި ކަމަށެވެ.

އަދި އެތަނުގައި މަރާމާތު ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގައުމީ ކުޅިވަރު ކައުންސިލުން މިހާރު ވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އާޖެންޓީނާއާއެކު ކުޅޭނީ ކޮން ޓީމެއް ކަމެއް އަދި ނިންމާފައެއް ނުވެއެވެ.

ބީއެފްއެފްގެ ރައީސް ވިދާޅުވީ އާޖެންޓީނާގެ ކޯޗާ ވާހަކަ ދެއްކުމަށް ފަހު ގައުމުތަކުގެ ލިސްޓެއް ދޭނެ ކަމަށެވެ.

އާޖެންޓީނާގެ ފުޓުބޯޅަ ޓީމުގެ މި ދަތުރު މިހާރު ވަނީ ގާތްގަނޑަކަށް ފައިނަލްވެފައެވެ.

ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ އަހަރު ގަތަރުގައި ލިއޮނަލް މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މީގެ ކުރިން ސެޕްޓެމްބަރު 6، 2011 ގައި ބަންގްލަދޭޝްގައި ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.