ބްރައިޓަން އަށް ކުޅޭ ބެލްޖިއަމްގެ މޮޅު ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް އާސެނަލް އަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ޓްރޮސާޑް އާސެނަލް އަށް ގެންދިޔައީ 27 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މާދަމާރޭ އާސެނަލް އިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ޓްރޮސާޑް ފެންނާނެ ކަމުގެ އިޝާރާތެއް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އިއްޔެ ވަނީ ދީފައެވެ.

އާޓެޓާ ބުނި ގޮތުގައި ޓްރޮސާޑް ކުލަބާ ގުޅުމަކީ ލިބުނު އުފަލެކެވެ. އާސެނަލް އިން މީގެކުރިން ވެސް ޓްރޮސާޑް އަށް ފާރަލަމުން ދިޔަ ކަން ކޯޗު ބުންޏެވެ. ޓްރޮސާޑްގެ ފަރާތުން އާސެނަލް އަށް ފައިދާތަކެއް ކުރާނެ ކަމަށް ވެސް އެ ޓީމުގެ ކޯޗު ވަނީ ބުނެފައެވެ.

"އޭނާއަކީ (ޓްރޮސާޑް) އަކީ ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއް. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، އަހަރުމެންގެ ކުޅުމުގެ ސްޓައިލަށް އޭނާ ފިޓްވޭ،" އާޓެޓާ ބުންޏެވެ.

މި ސީޒަންގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ އެއް ފޯވާޑަކީ ވެސް ޓްރޮސާޑެވެ. އޭނާ ވަނީ ބްރައިޓަން އަށް ކުޅުނު 17 މެޗުގައި ހަތް ގޯލު ޖަހައި ތިން ގޯލު އެސިސްޓް ކޮށްދީފައެވެ.

ޓްރޮސާޑް ވަނީ އާސެނަލް އާއެކު އިއްޔެގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ. ނިމިދިޔަ ވޯލްޑް ކަޕް ގައި ޓްރޮސާޑް ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ތިން މެޗުގައި ވެސް ކުޅެފައެވެ.

އާސެނަލުން ޓްރޮސާޑްގެ ސޮއި މި ހޯދީ އެ ކްލަބުން މި ފަހަރު ގެންނަން މަސައްކަތް ކުރި ޔޫކްރެއިންގެ ވިންގް، މިކައިލޯ މުޑްރިކް، ޗެލްސީ އަށް ބަދަލުވުމުންނެވެ. އާސެނަލް އިން ފޯވާޑެއް ހޯދުމުގެ މަސައްކަތް މި މަހު ފެށީ އެ ޓީމުގެ ފޯވާޑް ގެބްރިއަލް ޖެސުސް އަނިޔާގައި ހުރުމުންނެވެ.

ޓްރޮސާޑް އާސެނަލްއާ ގުޅުނު އިރު، އޭނާއާ ބްރައިޓަންއާ ދެމެދު މައްސަލަ ވެސް ޖެހުނެވެ.