ޔުވެންޓަސްގެ ޓްރާންސްފާ މުއާމަލާތްތައް ތަހުގީގު ކުރުމަށް ފަހު އިޓަލީގެ ކޯޓަކުން 15 ޕޮއިންޓް އުނިކޮށްފިއެވެ.

މިއާއެކު، ޔުވެންޓަސް ވަނީ އިޓަލީ ލީގުގެ 10 ވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް މިހާރު ލިބެނީ 22 ޕޮއިންޓެވެ.

އިޓަލީގެ ޓްރާންސްފާ މުއާމަލާތްތައް ތަހުގީގު ކުރާ އިޓަލީގެ ފުޓްބޯޅަ ކޯޓަކުން މި ސީޒަނަށް 15 ޕޮއިންޓް އުނިކުރުމުން އެ ގައުމުގެ އެންމެ ކާމިޔާބު ޓީމު ވަނީ ޓޭބަލްގެ މެދުތެރެއަށް ވެއްޓިފައެވެ.

މި ސީޒަނުގައި ބާކީ 20 މެޗު އޮތްއިރު ޔުވެންޓަސް އޭރު އޮތީ 37 ޕޮއިންޓާ އެކު ތިން ވަނައިގައެވެ. މި އުނިކުރި ޕޮއިންޓު ތަކާއެކު ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ޔުވެންޓަސް އަށް ހަނިވާނެއެވެ.

އިޓަލީގެ ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ޔުވެންޓަސްގެ ކުރީގެ އަދި މިހާރުގެ 11 ޑައިރެކްޓަރުންނަށް އިޓަލީގެ ފުޓްބޯޅައިގައި މަގާމުތައް އަދާކުރުން ވެސް މަނާކޮށްފައެވެ.

އޭގެ ތެރޭގައި ނޮވެމްބަރު މަހު ރަސްމީކޮށް މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޗެއާމަންގެ މަގާމަށް މި ހަފުތާގައި ބަދަލުކުރި އަންދްރެއާ އަގްނެލީއަށް 24 މަސް ދުވަހާއި، އިންގްލެންޑްގެ ޕްރިމިއާ ލީގުގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ ފުޓްބޯޅައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު، ކުރީގެ ސްޕޯޓްސް ޑައިރެކްޓަރު ފަބިއޯ ޕަރަޓިސީއަށް 30 މަސް ދުވަސް ސަސްޕެންޓު ކުރުން ހިމެނެއެވެ.

ޔުވެންޓަސް އިން ބުނީ އެ ހުކުމް އިސްތިއުނާފް ކުރާޏެ ކަމަށެވެ.

ކްލަބުގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ މިއީ އެތައް މިލިއަން ސަޕޯޓަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ދެކޭ ކަމަށާއި އެކަން ވަރަށް އަވަހަށް ކޯޓަކުން ހައްލުކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޔުވެންޓަސް އިން ވަނީ ގޯސްކޮށް ކަމެއް ނުހިނގާ ކަމަށް ބުނެ ހުކުމަށް ފާޑު ކިޔައިފައެވެ. އަދި އެމީހުންގެ ޓުރާންސްފާ އަކީ އުސޫލުތަކާ އެއްގޮތަށް ހަދާފައިވާ ޓުރާންސްފާތަކެއް ކަމަށް ބުނެފައިވެއެވެ.

އަގްނެލީ އާއިލާގެ އެކްސޯރު ހޯލްޑިން ކުންފުނީގެ ކޮންޓްރޯލް އޮންނަ މި ކްލަބުގެ ހިއްސާ މިލާން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައި ވެއެވެ.