އަލް ނަޞްރަށް ކުޅެމުން އައި ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާ އޭނާގެ ކުރީގެ ކުލަބު ބެސިކްޓާސް އަށް ބަދަލުވެއްޖެ އެވެ.

އަބޫބަކާ ބެސިކްޓާސް އަށް ބަދަލުވީ އޭނާ ކުޅެމުން އައި އަލް ނަޞްރުން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމުމުންނެވެ. އަލް ނަޞްރުން އަބޫބަކާރު ދޫކޮށްލީ ދާދި ފަހުން އެ ކުލަބަށް ގެނައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރަޖިސްޓްރީ ކުރުމަށެވެ. އަބޫބަކާރު ވަނީ އޭނާ އަލް ނަޞްރަށް ކުޅެދިން 39 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވެސް އޭނާ ވަނީ ކެމަރޫނާއެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އަބޫބަކާ ތުރުކީގެ ބެސިކްޓާސް އަށް ބަދަލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އަބޫބަކާ ވަނީ މީގެ ކުރިން ވެސް ބެސިކްޓާސް އަށް ކުޅެފަ އެވެ. އެ ކުލަބަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް ހަދައި، އަބޫބަކާރު ވަނީ 2021 ވަނަ އަހަރާ ހަމައަށް އެ ކުލަބަށް ކުޅެފަ އެވެ. އެއަށްފަހު އޭނާ ބަދަލުވީ ސައުދީ އަރަބިއްޔާގެ އަލް ނަޞްރަށެވެ. ބެސިކްޓާސް އަށް ކުޅެދިން 68 މެޗުގައި އަބޫބަކާރު ވަނީ އެ ޓީމަށް 35 ލަނޑު ޖަހައިދީފަ އެވެ. ބެސިކްޓާސް އިން ވަނީ މިހާރު އަބޫބަކާރު އެ ކުލަބަށް ގުޅުނުކަން ރަސްމީކޮށް އިއުލާނު ވެސް ކޮށްފަ އެވެ.

ކެމަރޫންގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އުމުރުން 30 އަހަރުގެ އަބޫބަކާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 94 މެޗުގައި 35 ލަނޑު ޖަހައިދީފަ އެވެ. ޤައުމީ ޓީމާއެކު އަބޫބަކާރު ވަނީ 2017 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޮތް މުބާރާތުގެ ތިން ވަނަ ވަނީ ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު