އިނގިރޭސި ޕްރިމިއާ ލީގުގައި ރިކޯޑް އަގެއްގައި ޗެލްސީ އަށް ގެންދިޔަ އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް ލީގުގައި މިރޭ ފުލަމްއާ ދެކޮޅަށް ކުޅެވޭނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފިއެވެ.

ބެންފިކާ އަށް ކުޅެމުން އަންނަ އެންޒޯ ފެނާންޑޭސްގެ ސޮއި ޗެލްސީން ހޯދީ ބެންފިކާ އަށް 107 މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމަށް ފަހުގައެވެ. މި އަގު ބޮޑު ޓްރާންސްފާއާ ގުޅިގެން ލިޔެކިޔުމުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވެސް ފެނާންޑޭސް ވަނީ ބުނެފައެވެ.

ބައެއް ކަންކަން ފުރިހަމަ ނުވެ އޮތުމުން ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އެންޒޯ ފެނާންޑޭސް ނުފެންނާނެ ކަމަށް ކުރިން އޮތީ ހީވެފައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން އެކެއް ޖަހާއިރުއެވެ.

ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި އެންޒޯ ޗެލްސީ އަށް ބަދަލުވުމަށް ލިޔެކިޔުމުން ކުރަން ޖެހޭ ހުރިހާ ކަމެއް ވަނީ މިހާރު ނިމިފައެވެ. އެހެންވެ، ޗެލްސީގެ ސްކޮޑްގައި އެންޒޯ ހިމެނޭނެއެވެ.

ޗެލްސީއާ ގުޅުމަށް ފަހު، އެންޒޯ ބުނެފައި ވަނީ އެ ޓީމަކީ ބޮޑު ކުލަބެއް ކަމަށާއި ޗެލްސީއަކީ އަބަދުވެސް ތައްޓަށް ވާދަ ކުރާ ޓީމެއް ކަމަށެވެ.

"މީގެ އަހަރުތަކެއް ކުރިން ޗެލްސީން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި. އަހަރުމެން ގުޅިގެން މަސައްކަތް ކުރާނީ ޗެލްސީން ބޭނުންވާ ހުރިހާ ކާމިޔާބެއް ހޯދައި ދިނުމަށް،" އެންޒޯ ބުންޏެވެ.

މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ ހަމަ މަގަށް އަޅުވަން އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން ޖެނުއަރީ ޓްރާންސްފާގައި އަށް ކުޅުންތެރިން ގެނެސްފައެވެ.

ޗެލްސީއާ ގުޅުނު ކުޅުންތެރިންނަށް ބަލާއިރު، ޝަކްޓާ ޑޮނެސްކްގެ މިކައިލޯ މުޑްރިކް، މޮނާކޯގެ ބެނޮއިޓް ބާޑިއަޝައިލް، މޯލްޑާގެ ޑާޓްރޯ ޑޭވިޑް ފޮފާނާ، ވަސްކޮޑަގަމާގެ އަންޑްރޭ ސަންޓޯސް، ޕީއެސްވީގެ ނޯނީ މަޑުއޭކޭ، ލިޔޯންގެ މާލޯ ގަސްޓޯގެ އިތުރުން ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑްގެ ޔާއޯ ފެލިކްސް ހިމެނެއެވެ.