ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، ސާފްގެ އަހަރީ އާންމު ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ކްރޮސްރޯޑްސްގައެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އެތުލެޓިކްސް ފެޑަރޭޝަންސް ތަކުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއިރު، އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ރައީސް ގަތަރުގެ ޖެނެރަލް ދަހްލާން އަލް ހަމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވާއިދާ ގުޅޭ މުހިންމު ކަންކަން މަޝްވަރާކޮށް އަސާސީ ގަވާއިދު ފާސްކުރުން އޮތެވެ. މީގެ އިތުރުން ކުރިއަށް އޮތް ދައުރަށް ސާފްގެ ހިންގާ ބޯޑުގެ މަގާމުތަކުގެ އިންތިހާބު ބޭއްވިއެވެ.

މިއީ ރާއްޖޭގައި ސާފްގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން 2017 ވަނަ އަހަރު މި ޖަލްސާ ބޭއްވީ އައްޑޫ ސިޓީގައެވެ.

ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ މި މުހިންމު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުން ފާހަގަކޮށް އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ޝުކުރު އަދާކޮއްފައިވެއެވެ.