ޅ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ހިންނަވަރު ފުޓުބޯޅަ ޗެމްޕިއަންޝިޕް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތަކީ ހިންނަވަރުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ވަނީ 60،000ރ. ވަނީ ހަމަޖައްސައިފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަކަށް 20،000ރ. ދިނުމަށް ވަނީ ނިންމައިފައެވެ.

ހިންނަވަރު ފުޓުބޯޅަ ދަނޑުގައި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 15:45 ގައި ބައްދަލު ކުރާނީ ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ. މިއީ މިދިޔަ އަހަރު ފައިނަލުގައި ވާދަކުރި ދެ ޓީމު ކަމަށްވާއިރު މި މެޗު ފޯރިގަދަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މި މުބާރާތުގައި މިފަހަރު ރެފްރީކަން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ރެފްރީންނެވެ. މިގޮތަށް އެ ކޮމެޓީން ނިންމީ އިންސާފުވެރިކަމާއެކު މުބާރާތް ނިންމާލުމުގެ ވިސްނުމުގައެވެ.

ކޮންމެ އަހަރަކު ހެން ބާއްވަމުން އަންނަ މި މުބާރާތުގައި ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ކުޅުންތެރިން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުވެސް މި މުބާރާތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ)ގެ ކުޅުން ފެނިގެން ގޮސްފައިވެއެވެ. ހަމައެހެންމެ ސާފް ޗެމްޕިއަންޝިޕުން ވިދާލި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު އަބްދު ﷲ(ލިލީ) ވެސް ވަނީ ފެނިގެންގޮސްފައެވެ.

މި ކުޅުންތެރިންގެ އިތުރުން ދިވެހި ފުޓުބޯޅައިގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިން ވެސް ވަނީ މި މުބާރާތުގައި ހުނަރު ދައްކާލައިފައެވެ. ހަމައެއާއެކު، މިއަހަރުގެ މުބާރާތުގައި ޅ. އޮޅުވެލިފުށި ޓީމުން ސްރީލަންކާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ފޯވާޑެއް ވެސް ފެނިގެންދާނެ ކަން އެނގިފައިވެއެވެ. ދަގަނޑޭ މިފަހަރުގެ މުބާރާތުގައި ފެނިގެން ދާނީ ހިންނަވަރު ސްޕޯޓްސް ކްލަބުންނެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ، އެއީ ނައިފަރު ޗެލްސީއާއި، ހިންނަވަރު ސްޕޯޓްސް ކުލަބާއި، އެފްސީ މާފަރު، ނައިފަރު ސޮކާ ސްޓާ، އޮޅުވެލިފުށި އެފްސީއެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއް ވެސް މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމަކާ ބައްދަލުކުރާނެއެވެ. އަދި އެންމެ ގިނައިން ޕޮއިންޓް ހޯދާ ހަތަރު ޓީމަކަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ހިންނަވަރު ފުޓުބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ހިންނަވަރު ސްޕޯޓްސް ކުލަބު ބަލިކޮށް ނައިފަރު ޗެލްސީންނެވެ. ނައިފަރު ޗެލްސީން ވަނީ 2021 ވަނަ އަހަރު ބޭއްވި ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ވެސް ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ "އެސްޓީއޯ" އެވެ. މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ފާހަގަ ކުރި ގޮތުގައި މި މުބާރާތަށް ހިންނަވަރު ކައުންސިލްގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބެއެވެ. އަދި އެ ނޫންވެސް ގިނަ ފަރާތްތަކުން ވަނީ މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދޯފައި ކަމަށް އެ ކޮމެޓީން ފާހަގަކޮށްފައިވެއެވެ.