ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޖަސްޓް ފޮންޓެއިން އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.

މޮރޮކޯ އަށް އުފަންވި ފޮންޓެއިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައެވެ. އެގޮތުން 1958 ވަނަ އަހަރު ސްވިޑެންގައި ބޭއްވި ވޯލްޑް ކަޕްގައި ފްރާންސް ކުޅުނު ހަ މެޗުގައި އޭނާ ވަނީ 13 ގޯލް ޖަހައިފައެވެ. އޭނާއަކީ ވޯލްޑް ކަޕެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ވެސްމެއެވެ.

ޔޫއެސްއެމް ކަސަބްލެންކާ އިން ފުޓްބޯޅަ ކެރިއަރު ފެށި ފޮންޓެއިން އެންމެ ކާމިޔާބީ ފްރާންސްގެ ނީސްގައެވެ. އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 69 މެޗުގައި 49 ގޯލް ޖަހައިފައެވެ. އަދި ފްރާންސްގެ ރެއިމްސް އަށް ކުޅުނު 131 މެޗުގައި 122 ލަނޑު ވަނީ ޖަހައިފައެވެ.

އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 21 މެޗު ކުޅެދީ 30 ގޯލް ޖަހައިފައެވެ. އަނިޔާގެ އެކިއެކި ސަބަބުތަކާ ހުރެގެން، އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނީ އުމުރުން 28 އަހަރުގައެވެ.

އޭގެ ފަހުން، އޭނާ ވަނީ ވަރަށް ގިނަ ދުވަހު ފްރާންސާއި މޮރޮކޯ އަށް ކޯޗުކޮށްދީފައެވެ. އޭނާ ކޯޗުކޮށްދިން ކުލަބުތަކުގެ ތެރޭގައި ފްރާންސްގެ ލުޗޮން، ޕީއެސްޖީ، ޓުލޫސް ހިމެނެއެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން 2003 ވަނަ އަހަރު ބޭއްވި ޔޫއެފާ ޖުބިލީ އެވޯޑްސް ހަފްލާގައި ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ވެސް އޭނާ ހާސިލްކޮށްފައިވެއެވެ.