ޗެލްސީގެ އެންމެ މުހިންމު އެއް ޑިފެންޑަރު ތިއާގޯ ސިލްވާ އަށް އަނިޔާވެ، ހަ ހަފްތާއެއްހައި ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ބިރު ހީވެއްޖެއެވެ.

ސިލްވާއަށް އަނިޔާވީ މިދިޔަ ހަފުތާގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ބަދަލު ވެސް ކުރިއެވެ. ފަހުން ހެދި ޓެސްޓްތަކަށް ބަލާފައި ސިލްވާ ކުޅުމާ ދުރުގައި ހުންނަންޖެހޭނީ ކިހާ މުއްދަތެއްގައިކަން ޗެލްސީން ކަށަވަރުކޮށްނުދެއެވެ. އެކަމަކު ލަފާކުރެވިފައިވަނީ ރީހެބްގައި ހޭދަކުރާނެ ވަގުތާއެކު މަދުވެގެން ހަ ހަފުތާ ރެސްޓް ކުރަންޖެހޭނެ ކަމެވެ.

މި އަނިޔާގެ ސަބަބުން ބްރެޒިލްގެ 38 އަހަރުގެ ޑިފެންޑަރު ސިލްވާ އަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތަކާއި ޕްރެމިއާ ލީގުގެ މުހިންމު މެޗުތަކެއް ގެއްލޭނެއެވެ.

ސިލްވާ އަކީ ޗެލްސީގައި ހުރި އެންމެ އިތުބާރު އަދި އެންމެ ތަޖުރިބާކާރު ޑިފެންޑަރެވެ. މި ސީޒަނުގައި ޗެލްސީގެ ނަތީޖާތައް އާދަޔާހިލާފަށް ގޯސްވެ، ޓޭބަލުގެ މެދުތެރެއަށް ވެއްޓިފައިވާއިރު މޮޅު ކުޅުމެއް ކުޅެމުންދާ މަދު ކުޅުންތެރިންގެ އެކަކީ އޭނާއެވެ. މިހެންވެ ސިލްވާ ނެތުމަކީ އަލުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކޯޗު ގްރެހަމް ޕޮޓާއަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކަށްވެދާނެއެވެ.

ނަތީޖާތައް ގޯސްވެ ޗެލްސީ މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ޓޭބަލުގައި 31 ޕޮއިންޓާއެކު 10 ވަނައިގައެވެ. މިއީ އެއްވަނާގައިވާ އާސެނަލްއަށްވުރެ 26 ޕޮއިންޓް މަދު އަދަދެކެވެ. މިހާ ނަތީޖާތައް ގޯސްވުމުން އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތްތަކުން ފުރުސަތު ނުލިބުން ވަރަށް ކައިރިއެވެ.