ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީ އަށް ކުރެވޭ ރޭޕުގެ ތުހުމަތުތައް ތަޙުޤީގު ކުރަން ފަށައިފިއެވެ.

ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް ފްރާންސްގެ ކަމާބެހޭ އިދާރާތަކުން ތަހުގީގެއް ފަށާފައިވާ ކަމަށް ފްރާންސްގެ ޖުޑިޝަރީ އޮފިޝަލަކު މިދިޔަ ފެބްރުއަރީ މަހު ވަނީ ވިދާޅުވެފައެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާގެ މައްޗަށް ކުރެވޭ ރޭޕުގެ ތުޙުމަތުތައް ފްރާންސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު އަންނަނީ ތަޙުޤީގު ކުރަމުންނެވެ. ފްރާންސްގެ ޕްރޮސެކިއުޓް އޮފީހާއި ހަވާލާދީ އެ ޤައުމުގެ ގިނަ މީޑިއާތަކުގައި މިހާރު އެ ވާާހަކަ ވަނީ ރިޕޯޓުކޮށްފައެވެ.

ޙަކީމީގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ތަޙުޤީގު ކުރަމުން އަންނަނީ ނަންޓޭރް ޕްރޮސެކިއުޓު އޮފީހުން ކަމަށް ވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން މީޑިއާތަކުން ސުވާލު ކުރުމުން ޕްރޮސެކިއުޓުން ބުނީ، ކުރިއަށްދާ ތަޙުޤީގީ މައްސަލައަކާ ގުޅިގެން މިވަގުތު އެއްވެސް މައުލޫމާތެއް ފޯރުކޮށްދެވެން ނެތް ކަމަށެވެ. އެކަމާ ގުޅިގެން މިހާތަނަށް ޕީއެސްޖީން ވެސް އަދި ޙަކީމީ ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ހަކީމީ ރޭޕް ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދޭން އެދުނީ 24 އަހަރުގެ އަންހެނެކެވެ. އެ އަންހެންމީހާ ރޭޕް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު، ޕެރިސްގައި ހުންނަ ހަކީމީގެ ގޭގައި ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހާދިސާއަށް ފަހު އަންހެން މީހާ ވަނީ ޕޮލިސް ސްޓޭޝަނަކަށް ގޮސް އެކަން ރިޕޯޓް ކޮށްފައެވެ. ނަމަވެސް އޭނާ ދައުވާ ކޮށްފައި ނުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ނަންޓެރޭ ގެ ޕްރޮސެކިއުޓަރ އޮފީހުން މި މައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަން ދެކޮޅު ހެދިނަމަވެސް، މިހާރު މީޑިއާގައި ފަތުރަމުންދާ މައުލޫމާތު ތަކުގެ ސަބަބުން، ކަމުގެ ހަގީގަތް ހޯދުމަށްޓަކައި ކުރެވެމުންދާ ތަހުގީގަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ އެ އޮފީހުން ވަނީ ޝަކުވާ ކޮށްފައެވެ.

ހަކީމީގެ މައްޗަށް ކުރެވުނު މި ތުހުމަތާ ގުޅޭ ގޮތުން ޕީއެސްޖީގެ އޮފިޝަލުން ވެސް އަދި ހަކީމީވެސް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ސްޕެއިން އަށް އުފަން، ނިމިދިޔަ ވޯލްޑް ކަޕުގައި ތާރީހީ ކާމިޔާބީއެއް ހޯދައި ވިދާލި، މޮރޮކޯގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ހަކީމީ ވަނީ ދާދި ފަހުން ޕެރިސްގައި އޮތް ފީފާ އެވޯޑްސް ހަފްލާގެ ސްޓޭޖުމަތިންވެސް ފެނިގެން ގޮސްފައެވެ. އެގޮތުން އޭނާ ވަނީ ފީފާގެ ފިރިހެނުންގެ ފުޓްބޯޅައިގެ ދުނިޔޭގެ 11 ގެ ތެރޭގައި ހިމެނިފައެވެ.

އުމުރުން 24 އަހަރުގެ ހަކީމީގެ ދެ ދަރިން ތިބޭ އިރު، އޭނާ އިނދެގެން އުޅެނީ ސްޕެއިންގެ ބަތަލާ އެއް ކަމަށްވާ ހިބާ އަބޫކް އާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޑަގިރި

    މީހަކު ބުނާ ކޮންމެ ވާހަކައެއް ގަބޫލު ނުކުރެވޭނެ. އެންމެ ފަހުން މޭސަން ގްރީންވުޑަށް އެތުހުމަތުކުރި އަންހެން މީހާ އަނެއްކާ އޭނަޔާ ރައްޓެހިވެގެން މިހާރު ބަނޑު ބޮޑު.

  2. މުޙައްމަދު123

    ފުރާންސުގެ މުސްލިމު ކުޅުންތެރިންގެ ކެރިއަރު ދުއްވާލުމަށް ތިޔަކަހަލަ ދައުވާތައް ކުރަނީ. ބިންޒީމާއަށްވެސް އެވަރުކޮއްލި. އެކަމަކު އޭނާ އެ އަނދަވަޅުން އަރައިގަނެ ކުޅުމައިގެން ކުރިއަށް އެބަދޭ. މިފަހަރު ޙަކީމީ. ދެން ކާކު