"ފައިސްމާޓް އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ 10 ވަނަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޒެފެއާ ބަލިކޮށް މައިލޯސިޓީ އެފްސީ އިން ހޯދައިފިއެވެ.

މިއީ ފާއިތުވި 10 އަހަރު ފަހުން މައިލޯ ސިޓީ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ. މީގެ ކުރިން މައިލޯސިޓީން ވަނީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް "ވަގުތު ފުޓްސެލް ޗެލެންޖް" ގެ ރަނަރަޕްކަން ހޯދާފައެވެ. ނަމަވެސް މިފަހަރު ތާރީހު ބަދަލުކޮށް މައިލޯސިޓީން ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށަކުން ޓީމްތައް ވާދަކުރި މުބާރާތުގައި 16 ޓީމް ވާދަކޮށްފައިވެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ވަނީ ވާދަކޮށްފައެވެ.

ގަމުގެ ޔޫތު ސެންޓަރާ ދިމާލުން އޮންނަ ޓެނިސް ކޯޓްގައި ކުރިއަށް ދިޔަ ފައިނަލް މެޗު މައިލޯ ސިޓީން ކާމިޔާބުކުރީ ޕެނަލްޓީގައި 0-2ގެ ނަތީޖާއިން ޒެފެއާ އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މި މެޗުގައި ޒެފެއާ އިން ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް މައިލޯސިޓީގެ ކީޕަރު އިސްމާއިލް ފާތިހު(ތާޑޭ) ވަނީ ދިފާއުކޮށްފައެވެ.

މައިލޯ ސިޓީން ވަނީ އެ ޓީމުން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. މި ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހުމަދު އިބްރާހިމްއާއި ހާޒިމް ފައުޒީއެވެ. ޒެފެއާ އެފްސީގެ މުހައްމަދު އަޒާން އާއި މުހައްމަދު ދާނިޝް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.

މި މުބާރާތުގައި ތަފާތު ހުނަރަކާއެކު މޮޅު ކުޅުމެއް ދެއްކި ހާޒިމް ފައުޒީ(ހަތީ) ވަނީ މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓްގެ މަގާމް ހޯދާފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަކީ ވެސް ހަތީއެވެ.

"އައްޑޫ ސްޓްރީޓް ސޮކާ ކަޕް" އަކީ 2011 އިން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. އެގޮތުން މުބާރަތަށް ޓީމްތަކާއި ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ބޮޑު ތަރުހީބެއް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު