އިޓާލިއަން ލީގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން ނަޕޯލީ ބަލިވެއްޖެއެވެ.

ލީގުގައި ލާޒިއޯ އަތުން ބަލިވި ނަމަވެސް ނަޕޯލީ އަދިވެސް އެއްވަނާގައި އޮތީ 17 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީ، ލީގުގައި ބަލިވި ދެވަނަ މެޗެވެ. ރޭގެ މެޗަކީ ނަޕޯލީ މި ސީޒަންގެ ލީގުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމް އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގު މެޗެއްގައި ބަލިވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.

މެޗު ފަށައިގެން ލާޒިއޯއިން ވަނީ ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގައި ނަޕޯލީން ލަނޑު ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ލާޒިއޯއިން ލަނޑު ޖެހީ ނަޕޯލީގެ ޑިފެންސުން ހެދުނު ގޯހަކުންނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ނަޕޯލީގެ ޑިފެންޑަރު ގޯލު ކުރިމަތިން ޖައްސާލި ބޯޅަ ލިބުނީ ލާޒިއޯގެ މަތިއަސް ވެސީނޯއަށެވެ. އޭނާ ވަނީ އެއް ފަހަރުން ފޮނުވާލި ބާރު ހަމަލާގައި ބޯޅަ ގޯލަށް ވައްދާލާފައެވެ.

މެޗުން މޮޅުވި ލާޒިއޯ އޮތީ ލީގު ތާވަލްގެ ދެވަނަ މަގާމުގައެވެ. އެއީ ކުޅުނު 25 މެޗުން، 48 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ނަޕޯލީ އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 65 ޕޮއިންޓާއެކު އެއްވަނާގައެވެ.

ޕޮއިންޓް ތާވަލުގެ ތިންވަނަ އަދި ހަތަރުވަނާގައި އޮތް އިންޓަ މިލާނަށާއި އޭސީ މިލާނަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، މިރޭ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނާގައި މިވަގުތު އޮތް ލާޒިއޯއަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. އާދީއްތަ ދުވަހުގެ ރޭ އިންޓަ މިލާން ނުކުންނާނީ ލީސްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ލާޒިއޯއަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އިންޓައަށް ވެސް އެބައޮތެވެ.