ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލް މެޗުގައި ގދ. ވާދޫ ފުޓްސަލް ޓީމު ބަލިކޮށް ލ. ގަން ފުޓްސަލް ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރެހެންދީ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު ލ. ގަމުން ކާމިޔާބު ކުރީ 8-4 ގެ ނަތީޖާއިންނެވެ. މިއީ ލ. ގަމުން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރު ވެސް މެއެވެ. މީގެ ކުރިން 2018 ވަނަ އަހަރު ލ. ގަން ވަނީ މި މުބާރާތުގެ ފައިނަލުން ބަލިވެފައެވެ. ހަމައެހެންމެ މިއީ ގދ. ވާދޫ އިން މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ގޯލްޑަން ފުޓްސެލް ޗެލެންޖް 2023 ފައިނަލްގައި ގދ. ވާދޫ އަދި ލ. ގާން ބައްދަލު ކުރި މެޗު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރަތަމް ހާފު ފަށައިގެން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން އައީ ލ. ގަމުންނެވެ. މި ހާފުގައި ގދ. ވާދޫ އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ހާފުގައި ކައިރި ކައިރީގައި ގަމުން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. އަހުމަދު ހަލީމް (އައްމަޑޭ) ދިން ބޯޅައަކުން ގަމުގެ ފުރަތަމަ ގޯލު ހުސައިން ނާޝިދު ކާމިޔާބުކޮށްދިން އިރު، އައްމަޑޭ ދިން ބޯޅައަކުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ.

ފުރަތަމަ ހާފުގައި ގަމުން ޖެހި އަނެއް ހަތަރު ގޯލުގެ ތެރެއިން ތިން ގޯލަކީ ވާދޫން ފައުލް ހަމަވެގެން ލިބުނު ދުރު ޕެނަލްޓީތަކުން ޖެހި ގޯލުތަކެކެވެ. އެ ތިން ޕެނަލްޓީ ވެސް ގަމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އައްމަޑޭއެވެ. އެ ތިން ގޯލާއެކު އޭނާގެ ހެޓްރިކް ފުރިހަމަ ވެގެންދިޔައެވެ. އަދި ގަމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ތޮއްޕެއެވެ.

ގޯލްޑަން ފުޓްސެލް ޗެލެންޖް 2023 ފައިނަލްގައި ގދ. ވާދޫ އަދި ލ. ގާން ބައްދަލު ކުރި މެޗު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވާދޫއަށް މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން ދިޔަ މުހައްމަދު އިޔާދު އަލީއެވެ. ވާދޫގެ އަނެއް ދެ ގޯލަކީ ގަމުގެ ފައުލް ހަމަވެގެން ލިބުނު ދުރު ދެ ޕެނަލްޓީއަކުން ކާމިޔާބުކުރި ދެ ގޯލެވެ. އެ ދެ ޕެނަލްޓީ ވެސް ވާދުއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިލެވެ.

ފުރަތަމަ ހާފު ތިން ގޯލުގެ ލީޑަކާއެކު ލ. ގަމުން ނިންމާލިއިރު، ވާދޫ ޓީމަށް ދެ ގޯލަށް މެޗުގެ ފަރަގު ކުޑަކޮށްދިނީ އަޔާޒް އަހުމަދު ދިން ބޯޅައަކުން ނާއިލްއެވެ. ދެވަނަ ހާފުގައި ވާދޫ ޓީމު ކުރިއަށް ޖައްސައިގެން ކުޅުމުގެ ފައިދާ ނަގާ ލ. ގަން ޓީމުން ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ. ބްދުﷲ ޖުނައިދު (ޖެންނޭ) ހަތްވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި ތޮއްޕެ ވަނީ އަށް ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ގޯލްޑަން ފުޓްސެލް ޗެލެންޖް 2023 ފައިނަލްގައި ގދ. ވާދޫ އަދި ލ. ގާން ބައްދަލު ކުރި މެޗު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލ. ގަން ޓީމުގެ ހުސައިން ޝަރީފް(އޮންލީ)އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކަށް ހޮވުނީ އުމުރުން 21 އަހަރުގެ އިޔާދުއެވެ.

ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވިފައިވަނީ ހދ. ނައިވާދޫއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ދ. ކުޑަހުވަދޫއެވެ. އެންމެ މޮޅު ކޯޗަކީ ކުޑަހުވަދޫގެ ކޯޗު، އަހުމަދު ރިލުވާން (ރިލޭ) އެވެ. އޭނާ ވަނީ ކުޑަހުވަދޫއާއެކު މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިފަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ރެފްރީއަކަށް ހޮވުނީ އަހުމަދު މުނީރެވެ.

އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އޮންލީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން

  • އަޔާޒް އަހުމަދު (އަޔާ) - ގދ. ވާދޫ
  • މުހައްމަދު އިޔާދު އަލީ - ގދ. ވާދޫ
  • ހުސައިން ޝަރީފް (އޮންލީ) - ލ. ގަން
  • ޖުމައިލް ޖަމީލް (ޖުމްބެ) - ދ. ކުޑަހުވަދޫ
  • އަލީ ޝާމިސް (ތޮއްޕޭ) - ލ. ގަން